ރ. ދުވާފަރުގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ރާއްޖޭން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. އޭނާ މަރުވެފައި ވަނީ އިންޑިޔާގެ ޓެރެވިންޑްރަމްގަ އެވެ. މަރުވީ މިދިއަ ހޯމަ ދުވަހު އެވެ.


ފުލުހުން ބުނީ މަރުވީ މި މަހުގެ 17 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ރ. ކަނދޮޅުދޫ ފެހިކޮކާ، އަލީ ޝަބީން 20، ކަމަށެވެ.


ދުވާފަރުގައި މި އެކްސިޑެންޓް ހިނގީ އެ ރަށުގައި ހަދަމުން އަންނަ މިސްކިތެއް ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގައި ސައިކަލެއް ޖެހިގެންނެވެ. އެކްސެޑެންޓްވީއިރު ޝަބީން އިނީ ސައިކަލް ފަހަތުގަ އެވެ.


އެކްސިޑެންޓްގައި އަލީ ޝަބީން ވިއްސައިގެންގޮސް މިސްކިތުގެ ފާރުގައި ޖެހި، ބޯ ފަޅައިގެން ދިއުމުގެ އިތުރުން އޭނާގެ ކަނާއަތް ބިނދުނެވެ. އަދި ސައިކަލު ދުއްވަން އިން މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެންގޮސް އަނިޔާވި އެވެ.