23 Nov 2010, 20:17
"ވެށި ފަހި މާލެ" ބޮޑު މަޝްރޫއު އިއުލާން ކުރިތާ 13 ދުވަސް ފަހުން އެ މަޝްރޫއާބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި އެވެ.
ސަރުކާރުން މާލެ އަށް އަމާޒުކުރާ ބޮޑު މަޝްރޫއެއްގެ ގޮތުގައި "ވެށި ފަހި މާލެ" މަޝްރޫއު ރަސްމީކޮށް އިއުލާންކޮށް އިފުތިތާހު ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ 13 ދުަވަހު ފަހުން އަންގާރަ ދުވަހު ރައީސް އޮފީހުން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އުސޫލުތަކާ ބެހޭގޮތުން ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ވެށި ފަހި މާލެ އަކީ ވެރި ރަށް މާލޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމަށް ސަރުކާރުން ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ކުދި ބިންތައް އެޕާޓްމަންޓަށް ބަދަލުކޮށް ބިން ހުސް ކުރެވުނު ވަރަކުން ހުސްކޮށް، އެ ބިންތަކުގައި ޕާކު ކުރުމާއި މުނި ފޫހި ފިލުވުމުގެ ތަންތަނާއި މުނިސިޕަލްތައް ގާއިމު ކުރާނެ ކަމަށް ބުނެފައި ވީނަމަވެސް މަޝްރޫއަށް ހިނގާނެ ހަރަދު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ވަޒީރުންގެ މަޖިލީހުގައި "ވެށި ފަހި މާލެ" އާ ބެހޭ ގޮތުން ވަޒީރުން މަޝްވަރާކުރެއްވެވި އިރު ވަޒީރުންގެ ދާއިރާގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާ ބެހޭގޮތުން ވަޒީރުންގެ މައުލޫމާތު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.