21 Mar 2010, 16:53
19:00
މާޒީގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ޙަޤީޤަތް ހޯދުމުގެ އެންމެ މުހިންމު ކަމަކީ ޤައުމީ އެއްބައިވަންތަކަން ކުރިއެރުވުމާއެކު، އެފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ޓޯޗަރސް ވިކްޓިމްސް އެސޯސިއޭޝަން ރަސްމީގޮތުން އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ދެއްވި ވީޑިޔޯ ބަޔާނެއްގައި ސަލީމް ވިދާޅުވީ، އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ޙަޤީޤަތް ހޯދުމަށް، ކުރެވޭ މަސައްކަތްތަކުގެ ސަބަބުން މުޖްތަމަޢުގައި ބައިބައިވުމާއި، ރުޅިވެރިކަމާއި، ދެކޮޅުވެރިކަން އުފެދި، ބަދަލުހިފުމުގެ ރޫޙެއް އާލާވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމާއި ޒާތީ ތަޢައްޞަބުން އެއްކިބާވެތިބެ، ތެދުނިޔަތުގައި އިޚްލާޞްތެރި ރޫޙެއްގައި ކުރެވޭކަމަކަށް ވާންޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ސަލީމް އަދި ވިދާޅުވީ އިންސާނީ ޙައްޤުތަކާ ގުޅޭ އަނިޔާގެ ތުހުމަތުތައް ފުރިހަމައަށް ތަޙްޤީޤްކޮށް، ކަން ހިނގައިދިޔަގޮތް ސާފުކޮށް، އޮޅުންފިލުވަން ޖެހިފައިވާކަން ޤަބޫލުފުޅުކުރައްވާ ކަމަށާއި، މިއީ ވަރަށް ބޮޑު މަސައްކަތެއްކަމުން މިފަދަ މަސައްކަތެއް ފެށްޓުމުގެ ކުރިން ގިނަ ތައްޔާރީތަކެއްވެ، ހަރުދަނާ، ރޭވުންތެރި، އިންތިޒާމްތަކެއް ކުރަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީގޮތުން ވަކި މަޤްޞަދުތަކެއް ނެތި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ މަދަނީ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ، ހިތްވަރުދިނުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ މަޤްޞަދެއް ކަމަށާއި ޓޯޗަރ ވިކްޓިމްސް އެސޯޝިއޭޝަނަކީ ވެސް އެ ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާނެ، ވަކި ފަރާތަކަށް ނުޖެހޭ ޖަމްޢިއްޔާއަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.