ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެ ދެ ބޭފުޅުންނަށް ޗިޓު ފޮނުވައިފި އެވެ.


މިހުގެ 29 ވާ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓު ލިބިވަޑައިގަތީ މިރޭ އިރާކޮޅު ކަމަށް މަހްލޫފާއި އަލީ ވަހީދު ވިދާޅުވި އެވެ.


އެ ދެބޭފުޅުން ވެސް ވިދާޅުވީ، ކޯޓަށް ހާޒިރުވުމަށް އަންގާފައި މިވަނީ މި އަހަރު ކުރީކޮޅު ޑީއާރްޕީން ކުރި މުޒާހަރާއެއްގައި މުލީއާގޭ ދޮށަށް އެއްވި މައްސަލައާ ގުޅިގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ބޭފުޅުންނާ ގުޅޭ އިތުރު އެއްވެސް މައްސަލައެއް އުޅޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.


"ހާޒިރު މިކުރަނީ މުލީއާގޭ ކައިރީ[ގައި ކުރި މުޒާހަރާއާ] ގުޅިގެންހެން އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ އޭރު އަޅުގަނޑު ހަނދާން އެބަވޭ ފުލުސް އޮފީހަށް ގެންދިޔަ މަތިން. ދެން އަޅުގަނޑުމެން އޭރު ހަނުހުރުމުގެ ހައްގު ބޭނުންކުރީ. ދެން އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވެ އޮވެފައި ކުއްލިއަކަށް މިއައީ ޗިޓު،" މަހްލޫފް ވިދާޅުވި އެވެ.


މަހްލޫފް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޑީއާރްޕީގެ މެމްބަރުންނަށް ބިރުދެއްކެވުމަށް ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް، ޑީއާރްޕީ މައިތިރި ކުރުމަށްޓަކައި ބިރުގެންނެވުމުގެ އުސޫލުން ރައީސް ނަޝީދު ކުރައްވާ އެއްވެސް ކަމެއްގެ ސަބަބުން މުޒާހަރާ ނުކޮށް ނުތިއްބަވާނެ ކަމަށާއި އެފަދަ އެއްވެސް ކަމަކާ ބިރު ނުގަންނަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.


އަލީ ވަހީދު ވެސް ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށެވެ. ނަމަވެސް، އެގޮތަށް ނުފިއްތޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.