އެލައިޑް އިންޝިއުރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ވަހީދު ތައުފީގު މަގާމުން އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު އަމީލް އެމަގާމަށް ހަމަޖައްސައިފި އެވެ.

މިއަދު ފެންބިލްޑިންގް ގައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރުގެ މަގާމު މިއަދުން ފެށިގެން އަމީލް ހަވާލު ކޮށްފައިވާ އިރު އެސިސްޓެންޓް އެމްޑީއެއްގެ މަގާމު އަދާކުރާނީ އެކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އާއި ހަވާލްވެ ހުންނެވި ޝަފާޒް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އުމަރު ޝޮޕިން އާކެޑް ހުރިތަނުގައި އެކުންފުނީގެ އައު އިމާރާތެއް އެޅުމަށް ހަމަޖައްސައިފައިވާ ކަމަށާއި އެ އިމާރާތަކީ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި ފަށާ ފުރަތަމަ ޕްރޮޖެކްޓް ކަމަށް އެލައިޑް އިން ބުނެފައިވެ އެވެ.

އެލައިޑުން ބުނީ އެ ޕްރޮޖެކްޓް އަށް 70 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރާކަމަށާއި އެ ޕްރޮޖެކްޓްގެ ސަބަބުން އެކުންފުނީގެ ވިޔަފާރި އެހެނިހެން ދާއިރާތަކަށް ފުޅާކުރެވޭނެ ކަމަށެވެ. އަދި އެސްޓިއޯގެ ބިމެއްގައި ހަދާ އެ އިމާރާތައް އެލައިޑުން އިންވެސްޓް ކުރާނީ ދެ ކުންފުންޏަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ.

އެއިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާ ޑިޒައިން ކުރެވިފައި ވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ޝޮޕިންގް ތިން ފަންގިފިލާ އަށެވެ. އަދި އޭގެ މަތީ ހަތް ފަންގިފިލާ އޮފީސް ހިންގުމަށް ހަމަޖެހިފައިވާ އިރު އެ އިމާރާތުގައި ޕާކް ކުރުމަށް ހާއްސަ ބޭސްމެންޓް އެއް ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ އެ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އެ އިމާރާތުގެ މަސައްކަތް ނިމި އިމާރާތް ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން ބުނީ ވަރަަށް އަވަހަށް އިސްލާމިކް އިންޝުއަރެންސް ތައާރަފް ކުރާނެ ކަމަށެވެ. "އަޔާދީ ތަކާފުލް" ގެ ނަމުގައި ފެށޭ އެ އިންޝުއަރެންސް ފޯރުކޮށްދެވޭނީ 100 ޕަސެންޓް އިސްލާމީ ޝަރީއަތުގެ ދަށުން ކަމަށް އެލައިޑުން ބުނެފައިވެ އެވެ.