ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ވަދެ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން އެތަނުގެ ތަކެތި ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ އެ އޮތޯރިޓީން އިސްތިއުނާފް ކުރި މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެތަނުން ގެންދިޔަ ތަކެތި ހިފެހެއްޓުމަށް ވަގުތީ އަމުރަކަށް އެދުމުން ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެތަކެތި ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އަދިވެސް އަޑުއެހުންތަކެއް ނުފަށާ. ނަމަވެސް މީރާ އިން އެދުނު ގޮތަށް ވަގުތީ އަމުރެއް ވަނީ ނެރެދީފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް ކޯޓުން މެއި 19 ވަނަ ދުވަހު ކުރި ހުކުމްގައި ބުނަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން ތަންތަނަށް ވަދެ ތަކަތި ހިފެހެއްޓުމުގެ ބާރާއި އިޚްތިޔާރު މީރާ އަށް ލިބިގެންވާ ކަމަށް މާނަކުރެވޭނެ އެއްވެސް ގާނޫނީ ބިނާއެއް އޮތްކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ.

މީރާ އިން ގެންގޮސްފައިވާ ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ހަތް ދުވަހުގެ ތެރޭގައި ރައްދު ކުރުމަށް ވެސް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރުމާގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފުވާދު ޒާހިރު ވިދާޅުވީ އެކުންފުނީގެ ތަކެތި މީރާއިން ގެންދިޔުމާ ގުޅިގެން އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ނޫސްވެރިންގެ ސަމާލުމަކަށް ގެނައުމަށް އޭރުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވި ކަމަށެވެ.