ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރަށް ދެ ދުވަހަށް ވެފައިވަނިކޮށް، ހދ. ކުޅުދުއްފުށީގައި ވޯޓް ކަރުދާސްކޮޅުތަކެއް ޕްރިންޓް ކުރި މައްސަލައެއްގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ކުޅުދުއްފުށިން ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އިންތިހާބު މޮނިޓަރުންގެ ގޮތުގައި އެ ރަށުގައި ހަރަކާތްތެރިވި އެ ރަށު، ބެނިސަން، އަހުމަދު އަބުދުއްރަހްމާނާއި ކުޅުދުއްފުށީ މާވިނަ، އަހުމަދު އާތިފެވެ. އަތީފަކީ އެ ރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ފުލުހުން ނުދެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ އެ މައްސަލަ މިއަދުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސް ކޮޅުތަކާ އެއްވެސް ތަފާތެއް ނެތް އެ ކަރުދާސް ކޮޅުތައް ޕްރިންޓްކޮށްފައި ވަނީ އެ ރަށުގައި ހުންނަ އެމްއޯސީ ކިޔާ ބުކްޝޮޕެއްގެ ޗާޕް ބައިގަ އެވެ.

އެ ކަރުދާސްކޮޅުތައް ޕްރިންޓްކޮށްފައި ވަނީ އޭގެ ސޮފްޓް ޕެން ޑްރައިވް އަކަށް އަޅައިގެން ކަމަށާއި ވޯޓް ކަރުދާސްކޮޅުގެ 15 ކަރުދާސްކޮޅު ޗާޕްކުރުމަށް ފަހު ލެމިނޭޓްކޮށްގެން 15 ރަށަކަށް އެ ކަރުދާސް ކޮޅު ފޮނުވާފައިވާކަން އެނގިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.