ރާއްޖޭގައި މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓް ބާތިލުކުރަން ގޮވާލާ އަޑު އިވޭތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ޑޮން މެކެނަން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެއްވެސް ތަނެއްގައި ބާއްވާ އެއްވެސް އިންތިހާބެއްގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ނުވާނެ ކަމަށެވެ.

"ރައީސަކު އިންތިހާބު ކުރުމަށް ދިވެހި ރައްޔިތުން ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނުކުތީ ރަނގަޅު ނިޔަތުގަ އެވެ. ގައުމީ އަދި ބައިނަލް އަގުވާމީ އޮބްޒާވަރުންނަށް އެ އިންތިހާބު ފެނުނީ ރަނގަޅަށް ބޭއްވި އިތުބާރު ކުރެވޭ އިންތިހާބެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ވަރަށް ތަޖުރިބާކާރު ކޮމަންވެލްތު އޮބްޒާވާ ގްރޫޕް ވެސް ހިމެނެ އެވެ." މެކެނަންގެ ބަޔާނުގައިވެ އެވެ.

މެކެނަންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކަންބޮޑު ވަނީ އެކަން އެހެން އޮއްވައި އިންތިހާބު ބާތިލުކުރަން ގޮވާލައި ދައްކަމުންދާ ވާހަކަތައް އަޑު އިވޭތީ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގައުމީ އަދި ބައިނަލް އަގުވާމީ އޮބްޒާވަރުންނަށް އެ އިންތިހާބު ފެނުނީ ރަނގަޅަށް ކަމަށެވެ.

"ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ މައްސަލަތަކެއް ވޯޓާސް ރަޖިސްޓްރީގައި ހުރި ކަމަކަށް އިންތިހާބުގެ ކުރިން އެއްވެސް ބަޔަކު ދައުވާކޮށްފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ ވަކި ސިޔާސީ ލީޑަރަކަށް ވުރެ ރާއްޖޭގެ ރައްޔިތުން މުހިއްމުވާނެ ކަމަށެވެ. ރައްޔިތުންގެ "ހުކުމް" ކުރުމަށް ޖާގަ ދިނުމަށް ޓަކައި ސުޕްރީމްކޯޓްގައި އޮތް މައްސަލަ އަވަހަށް ނިންމާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މެކެނަން ވިދާޅުވެފައިވެ އެވެ.

"އެމީހުން (ރައްޔިތުން) އެދޭގޮތް ފެންނަ ނަތީޖާއެއް އިންތިހާބުން ނެރުމަކީ އެމީހުން ހައްގެކެވެ،" މެކެނަން ވިދާޅުވެފައިވެ އެވެ.