23 Nov 2010, 18:36
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން މިރޭ އާއްމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު މިރޭ ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި ހިމެނެނީ 2،24474 ( ދެ ލައްކަ ސައުވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތަރު) މީހުން ކަމަށާއި އެ ނަންތައް މިއަދު ގެޒެޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ލިސްޓަށް އިސްލާހު ގެނައުމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅޭ ވަރަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.
"މިއަދު ލިސްޓް އަޅުގަނޑުމެން ގެޒެޓްކޮށްފިން. ދެން ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތަށް ބަލާފައި އަޅުގަނޑުމެން އިތުރު އެމެންޑްމެންޓްސް ގެނެސް ލިސްޓް އަލުން ގެޒެޓް ކުރާނަން،" ތޮލާލު ވިދާޅުވި އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޝަކުވާ ފޯމު ފުރުމަށް ފަހު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.
ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނާއި ހުރިހާ ރަށެއްގެ ރަށު އޮފީހުންނާއި އަތޮޅު އޮފީހުން ލިބެން ހުންނާނެ ކަމަށާއި އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.