24 Sep 2013, 16:25
އެލް މޯބައިލްގެ ދެ ފިހާރައެއްގެ ބިއްލޫރީގަނޑުތައް ރޭ ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު މަޖީދީމަގު އަދި މާވެޔޮމަގު ގުޅޭ ސަރަހައްދުގައި ހުރި "އެލް މޯބައިލް1" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު ރޭ 3:50 އެހާކަންހާ އިރު "އެލްމޯބައިލް5"ގެ ބިއްލޫރީގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓެއް ވެސް ފުލުހުން ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެ ދެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގައިފައިވާ ކަމަށް ބުނެ ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނިމެންދެން ދެވަނަ ބުރުގެ ވޯޓު ނެގުން ވަނީ ފަސްކޮށްފަ އެވެ.
އެ ހުކުމާ ގުޅިގެން ރޭ މާލެ ތެރެ ކޮންމެ ވެސް ވަރަކަށް ހަލަބޮލިވެގެން ދިޔަ ނަމަވެސް ފުލުހުން ބުނީ އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.