ވިލިމާލެ އިން އަހުމަދު ސާއިލު:

ވިލިމާލޭގެ ގެއެއްގެ ތެރޭ ޒަޚަމްތަކަކާ އެކު މަރުވެފައި އޮތް ތުއްތު އަންހެން ކުއްޖަކު ފެނިއްޖެ އެވެ.

ވިލިނގިލީ ސިއްހީ މަރުކަޒަށް މިއަދު މެންދުރު 2:20 އެހާކަންހާއިރު އެ ކުއްޖާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެ އެވެ.

އެއް މަސް ވެސް ނުވާ އަދި ނަން ވެސް ނުކިޔާ އެ ކުޑަ އަންހެން ކުއްޖާ ވިލިމާލެ ސިއްހީމަރުކަޒަށް ގެންދިޔަ އިރު ވެސް އަނގައިންނާއި ނޭފަތުން ލޭފައިބާފައި ހުރި އިރު ގައިގެ އެކިތަންތަން ވަރަށް ބޮޑަށް ނޫފައިގެންފައި ހުރި ތަން ފެނެ އެވެ.

ތުއްތުކުއްޖާގެ މަންމައާ އެއްބަނޑުއެއްބަފާ ކޮއްކޮއަކު ވިލިމާލެ ސިއްހީ މަރުކަޒުގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ބުނީ ރޭ އެ ކުއްޖާގެ މަންމަ އާއި އަދި ބައްޕަ ވަރަށް ގަދަޔަށް ޒުވާބު ކުރި ކަމަށެވެ. އަދި އެ ކުއްޖާ މަރުވެފައި އޮތް ކަން އެނގުނީ މިއަދު މެންދުރު ތުއްތު ކުއްޖާގެ މަންމަ "ރޮއިގަނެފައި މިއޮތީ ދަރިފުޅު މަރުވެފައޭ" ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ގޭމްކުޅެން އިންދާ ދައްތަ ރޯންފަށާފައި ބުނީ މިއޮތީ ކޮއްކޮ މަރުވެފައޭ، އޭރު ވެސް އޮތީ ގަނޑުވެފައިހެން،" އެ ކުއްޖާ ބުންޏެވެ.

ތުއްތު ކުއްޖާގެ އާއިލާ އިން ސަންއާ ވާހަކަ ދެއްކި މީހާ ބުނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ކުއްޖާގެ ގައިގައި އަތްލި އިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަރުވެފައި ކަމަށާއި ބޮޑަށް ބެލެވެނީ މަރުވެފައި އޮންނަތާ ވަރަށް ގިނައިރުވީ ފަހުން ފެނިފައިވާ ކަމަށެވެ.

ވިލިނގިލީގައި ދިރިއުޅޭ ބައެއް މީހުން ސަންއާ ވާހަކަ ދައްކަމުން ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީ މަސްތުވާތަކެތިގެ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ އެދެމަފިރިންގެ ހަމައެކަނި ދަރިފުޅު ކަމަށް ވެސް ބުންޏެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި ކައިވެނީގެ ބޭރުން އެއަންހެންމީހާގެ ދެ ދަރިޔަކު ތިބެއެވެ. އެ ދެ މަފިރިން މިހާރު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބޭފުޅުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ގޮސްފަ އެވެ. އަދި ވިލިނގިލީ ސިއްހީ މަރުކަޒު ދޮށަށް ގިނަ ބަޔަކު އެއްވެ އެ ދެމަފިރިންނާ ދޭތެރޭ ނުރުހުން ފާޅުކޮށް އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އާއި ބައްޕަ މިހާރު ވަނީ މާލެ ގެނެސްފަ އެވެ.