ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ އެމްޑީޕީގެ ގާނޫނީ ވަކީލު ހިސާން ހުސެން އާއި ހަސަން ލަތީފް އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ހުސްނުއްސޫދަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް އެ ކޯޓުން އެ ތިން ބޭފުޅުންނަށް އަންގައިފި އެވެ.

"ފިޔަވަޅު އަޅާކަން އަންގާ އެންގުން"ގެ ނަމުގައި ސުޕްރީމް ކޯޓުން ހިސާން އަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ތަބާނުވެ ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގަ އާއި އަދި މީޑިއާތަކުގައި ވާހަކަ ދައްކަވަމުން ދާތީ އޭނާ އެ މައްސަލާގައި ވަކާލާތު ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

"23 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ގުޅިގެން އަމުރަށް ތަބާނުވުމާ ބެހޭ ގޮތުންނާއި އަދި ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް މީޑިއާގައްޔާއި އަދި ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާ ބެހޭ މައްސަލައެއް ބަލަމުން ދާތީ ދިވެހި ރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީގެ ފަރާތުން އައްޔަން ކޮށްފައިވާ ގާނޫނީ ވަކީލު އަލްއުސްތާޒާ ހިސާން ހުސެން މި ކޯތުގެ 2013-އެސް ސީ/އެސްސީ ވަކާލާތު ކުރތުން މަނާކޮށްފައިވާ ވާހަކަ ދެންނެވީމެވެ. "ސުޕްރީމް ކޯޓުން ހިސާން އަށް ފޮނުވި ލިޔުމުގައި ބުނެފައިވެ އެވެ.

ހިސާންގެ އިތުރަށް ހަސަން ލަތީފާއި އަދި ސުއޫދު ވެސް ވަނީ އެ ބޭފުޅުން ސަސްޕެންޑް ކުރިކަން ސަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ރޭ އެމްޑީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ހިސާން ވަނީ ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ ޓީވީން ލައިވް ކުރި އެ ބައްދަލުވުމުގައި އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނަމަވެސް ހިސާން މިއަދު "ސަން "އަށް ވިދާޅުވީ އޭނާ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން އެއްވެސް މީޑިއާއެއްގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަމުރާ ގުޅޭ ގޮތުންނާއި އަދި މައްސަލައާ ގުޅޭ ގޮތުން އޭނާ ޓުޢީޓް ކުރެއްވި ކަމަށެވެ.

ހިސާން ވިދާޅުވީ އޭނާ އަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުން ލިބިވަޑައިގަތީ މިއަދު 1:30 އެހާކަންހާއިރު ކަމަށެވެ.
ހިސާން އިތުރަށް ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައި ވަނީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ ޝަރީޢަތަށް އެކެނި ކަމަށެވެ.

ސުއޫދު އޭނާގެ ޓުއީޓް އެކައުންޓްގައި އިއްޔެ ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

ހަސަން ލަތީފު ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.