24 Sep 2013, 15:08
އައިފޯން 5އެސް ގައި ހިމަނާފައިވާ ފިންގަޕްރިންޓް ސްކޭން ޓެކްނޮލޮޖީ "ޓަޗް އައިޑީ" ހެކް ކޮށްފައިވާ ކަމަށް ޖަރުމަނުގެ ހެކަރުންގެ ޓީމެއް ކަމަށްވާ ޗާއޯސް ކޮމްޕިއުޓާ ކްލަބް (ސީސީސީ) އިން ބުނެފި އެވެ.
ސީސީސީގެ ޓީމުން ބުނެފައި ވަނީ އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ފޯން ދުނިޔޭގެ ބާޒާރަށް ނެރުނުތާ ދެ ދުވަސް ތެރޭގައި އެ ފޯނުގައި ހިމަނާފައިވާ ބައޮމެޓްރިކް ސަލާމަތީ ނިޒާމް "ފަޅާލާފައި" ވާކަމަށެވެ.
ހެކަރުންގެ ޓީމުން ބުނެފައިވަނީ، ބިއްލޫރި ގަނޑެއްގެ މަތީގައި ޖަހާފައިވާ "ފިންގާ ޕްރިންޓް"ގެ ފޮޓޯއެއް ނަގައިގެން "ފޭކް ފިންގާ"އެއް އުފެއްދުމަށްފަހު އޭގެ އެހީގައި ފަސޭހަކަމާއެކު އައިފޯން 5އެސް އަންލޮކް ކޮށްލެވޭ ކަމަށެވެ.
ސީސީސީ އިން އައިފޯން ހެކްކުރި ވާހަކަ ބުނެފައިވީ ނަމަވެސް އެޕަލްއިން އެކަމަށް ރައްދެއް ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ކުންފުނިން ބުނެފައި ވަނީ "ޓަޗް އައިޑީ" އަކީ ރައްކާތެރި ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޓަޗް އައިޑީ އަކީ ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ވަރުގަދަ ނިޒާމެއް ކަމަށް ބާޔާންކޮށް އެޕަލްއިން ބުނެފައި ވަނީ، ތަފާތު ދެ އިނގިލީގެ ނިޝާނެއް އެއްގޮތް ވެގެން އެ ނިޒާމަށް ވަނުމުގެ ފުރުސަތު އޮތީ ކޮންމެ 50،000 އިން 1 ފުރުސަތު ކަމަށެވެ.
ޖަރުމަނުގެ ހެކިން ތިންކް ޓޭންކް އެއް ކަމަށްވާ އެސްއާރުލެބްގެ ޗީފް ސައިންޓިސްޓް ކާސްޓަން ނޯލްއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، "ބަޔޯމެޓްރިކްސް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން އެތައް އަހަރުތަކެއް ވަންދެން ކުރަމުން އައި ބުރަ މަސައްކަތުން ވެސް ނުކުރެވިފައިވާ ކަމެއް އެޕަލްއިން ކާމިޔާބުކޮށްފި ނަމަ އެއީ ވަރަށް އާދަޔާ ހިލާފް ކަމެއް،" ކަމަށެވެ.
"މި ސިސްޓަމުގައި ހައިލެވެލް ސެކިއުރިޓީ ހިމެނިފައިވާ ކަމަށް ބުނާ ވާހަކަތަކަކީ މުޅިން ބޭކާރު ވާހަކަ،" ކާސްޓަން ބުންޏެވެ.
ޓަޗް އައީޑީއަކީ ކުރިން ބޭނުންކުރަމުން އައި ދުވަސްވީ "ޕާސްކޯޑް"ގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ކަމަށް އެޕަލް ބުނެފައި ނުވާއިރު އެ ކުންފުނިން ބުނެފައި ވަނީ، "ޓަޗް އައިޑީ ފަރުމާކޮށްފައިވަނީ ޕާސްކޯޑް އިންޕުޓް ފަސޭހަކުރުމަށް. އެކަމަކު ސަލާމަތީގޮތުން ބޮޑަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޕާސްކޯޑް ބޭނުންކުރުން މުހިންމު" ކަމަށެވެ.
މިމަހުގެ 20 ވަނަ ދުވަހު އެޕަލްއިން އައިފޯން 5އެސްއާއި 5ސީ ދުނިޔޭގެ ބާޒާރަށް ނެރެފައިވާއިރު އެ ފޯނު ވިކިފައިވާ އަދަދު ތިން ދުވަސްތެރޭގައި ވަނީ ނުވަ މިލިއަންގެ ރެކޯޑް އަދަދަކަށް އަރާފަ އެވެ. އެހެން ނަމަވެސް އައިފޯނުގެ 5އެސްއާ އެކު އެޕަލްއިން އެކުންފުނީގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް7 އަށް ނެރުނު އަޕްޑޭޓްތަކުގައި ވެސް ބަލިކަށި ކަންތައްތަކެއް ހުރިކަން ހެކަރުން ވަނީ ދައްކާފަ އެވެ.
ޗާއޯސް ކޮމްޕިއުޓާ ކްލަބުން ގަބޫލު ކުރާ ގޮތުގައި ސަލާމަތީ ގޮތުން ބޭނުންކުރާ ނިޒާމެއްގެ ގޮތުގައި ބައޯމެޓްރިކް ސިސްޓަމް ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި އެ ޓީމުން ވަނީ ޓަޗް އައިޑީ ހެކްކުރި ގޮތުގެ ވީޑިއޯއެއްވެސް އިންވަނީ ޔޫ ޓިއުބުގައި އާންމު ކޮށްފަ އެވެ.
އައިފޯން 5އެސް ގެ ޓަޗް އައިޑީ ހެކްކުރާ ގޮތުގެ ވީޑިއޯ:
https://www.youtube.com/watch?v=HM8b8d8kSNQ&feature=youtu.be