ގއ. ވިލިގިނލީ ކާޕެންޓްރީއެއްގެ ތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައި ރޯ ކޮށްލާފައި ވަނީ ގއ. ވިލިގިނލީ ބާޑް ހައުސް ނަމަކަށް ކިޔާ ގެއަކާ އިންވެގެން ހުންނަ ކާޕެންޓްރީއެއްގެ ތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ.

"ސަން" އަށް މައުލޫމާތު ދެމުން ބާޑް ހައުސްގޭގައި ދިރި އުޅޭ އަހުމަދު ހިލްމީ ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ރޯކޮށްލާފައި ވަނީ އޭނާގެ އަންހެނުންގެ ބައްޕަގެ ސައިލް ކަމަށެވެ. އަދި އެ ސައިކަލް ރޯކޮށްލާފައި ވަނީ ރޭ އެ ރަށުތެރޭގައި ހިނގައި ދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކާޕެންޓްރީ ތެރޭގައި ބަހައްޓާފައި ހުރީ އޭނާގެ ބަފައިކަލޭގެ ސައިކަލް އެކަނި ނޫން ކަމަށާއި އެތަނުގައި އޭނާގެ ސައިކަލް ވެސް ބަހައްޓާފައި ހުރި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ސައިކަލަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަމަށް ހިލްމީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ސައިލް ރޯކޮށްލާފައި ވަނީ ކާޕެންޓްރީގައި ހުންނަ ކުޑަ ދޮރެއް ހަލާ ކޮށްލައިގެން ކަމަށެވެ. އަދި ކާޕެންޓްރީ ތެރޭގައި ހުރި ބައެއް ކަހަލަ ސާމާނުތައް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އަހުމަދު ހިލްމީ ބުނި ގޮތުގައި މިހާރު އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި އަދި ސައިކްލްގެ ބައެއް ސާމާނުތައް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ސަން" އަށް މައުލޫމަތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ރޭގެ ފަތިހުގެ ވަގުތެއްގައި ގއ. ވިލިގިނލީ ކާޕެންޓްރީއެއްގެ ތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.