އިންޑިއާގައި ވޯޓާސް ލިސްޓް އޮޅުވާލި ކަމަށް ބުނާ މައްސަލައެއް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މުމްބާއީގެ ވޯޓާސް ލިސްޓް އޮޅުވާލާފައިވޭތޯ ބެލުމަށް އިލެކްޝަން ކޮމިޝަނުން އިސް ދެ އޮފިޝަލުނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވޯޓާސް ލިސްޓް އޮޅުވާލި ކަމަށް ތުހުމަތުކޮށް، ޝަކުވާ އުފުލާފައި ވަނީ ހިންދޫއިންގެ ބާރުގަދަ ޕާޓީއެއް ކަމަށްވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންނެވެ.

"މުމްބާއީ ވޯޓާލިސްޓް އޮޅުވާލި މައްސަލައާ ގުޅިގެން އަހަރެން ވާނީ އިލެކްޝަން ކޮމިޝަނަށް ޝަކުވާ ހުށައަޅާފައި،" ބީޖޭޕީ އަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ކިރިތު ސޮމައިޔާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ވެރިކަން ކުރާ އެމްއެލްއޭ ކޯލިޝަނަށް ތާއީދުކުރާ ސަރަހައްދުތަކުގައި ލިސްޓަށް މީހުން އިތުރުކޮށްފައިވާ ކަމަށެވެ. ބީޖޭޕީ އަށް ތާއީދު އޮންނަ ސަރަހައްދުތަކުގައި ލިސްޓުން މީހުން އުނިކޮށްފައިވާ ކަމަށެވެ. ލިސްޓަށް މީހުން އިތުރު ކުރުމުގެ ގޮތުން ހިމަނާފައި ވަނީ އެހެން ސްޓޭޓްތަކުގެ މީހުންނާއި ބަންގްލަދޭޝް މީހުންގެ ނަންތައް ކަމަށް ބީޖޭޕީން ތުހުމަތު ކުރެ އެވެ.

ލިސްޓް އޮޅުވާލާފައިވާ ކަމުގެ ފުރިހަމަ ހެކި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށް ވެސް ބީޖޭޕީން ބުނި ކަމަށް ނޫހުގައިވެ އެވެ.