ސްމާޓް ފޯންގެ ރަސްކަން ކުރަމުން އަންނަ އެމެރިކާގެ އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯންގެ ދެ މޮޑެލްގެ ރެކޯޑް އަދަދެއް ކަމަށްވާ ނުވަ މިލިޔަން ފޯން ތިން ދުވަސް ދުވަސް ތެރޭގައި ވިކިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެޕަލް ކުންފުނިން ބުނެފައިވަނީ، ކުރިން އައިފޯންގެ މޮޑެލްތައް އަލަށް ނެރުނު ފަހަރު ތަކަށްވުރެ ގިނައިން މިފަހަރު އައިފޯން 5އެސް އާއި 5ސީ މޮޑެލްގެ ފޯނުތައް ވިކިފައިވާ ކަމަށެވެ.

އައިފޯންސް 5އެސްގެ "ހޯމް ބަޓަން" ފިންގަޕްރިންޓް ސެންސާ އަކަށް ބަދަލު ކޮށްފައިވާއިރު އަގުހެޔޮކޮށް ވިއްކުމަށް ނެރުނު އައިފޯން 5ސީގެ ފަހަތު ކަވަރު ހަދާފައިވަނީ ޕްލާސްޓިކުންނެވެ. އަދި އެ މޮޑެލްގެ ތަފާތު ކުލަތައްވެސް ނެރެފައިވެ އެވެ.

އެޕަލްއިން ބުނީ، މިފަހަރުގެ އައިފޯން ބާޒާރަށް ނެރުމާއެކު އެކުންފުނީގެ ހިއްސާ ހަ ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށާއި އަދި ފޯނު ގަންނަން ބޭނުންވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާ ކަމަށެވެ.

"އަލަށް ނެރުނު އައިފޯންއަށް އާދަޔާ ހިލާފު ބޮޑު ޑިމާންޑެއް އެބަ އޮތް. އަދި ފުރަތަމަ ބާޒާރަށް ނެރުނު ޝިޕްމަންޓް އެއްކޮށް ވިކި ހުސްވެފައިވާ އިރު މިހާރުވެސް މިގެންދަނީ އެޕަލް ފިހާރަތަކަށް ފޯނު ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން،" އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކޫކްގެ ބަޔާނެއްގައިވެ އެވެ. "ކަސްޓަމަރުންގެ ކެތްތެރިކަމަށް އަހަރެމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަދި އެންމެނަށް ބޭނުންވާ ވަރަށް އައިފޯން އުފެއްދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ."

އެޕަލް އޮންލައިން ފިހާރައިން އައިފޯން 5ސީ ލިބެންހުރީ 549 ޑޮލަރާއި 649 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. އަދި 5އެސްގެ އަގުތައް ހުރީ 649 ޑޮލަރާއި 849 ޑޮލަރާ ދެމެދުގަ އެވެ. ރާއްޖޭގެ ބާޒާރުންވެސް އައިފޯންގެ އާ މޮޑެލްތައް ލިބެންހުރި އިރު އެ ފޯނުތަކުގެ އަގު 15،000ރ. ރުފިޔާއާއި 22،000ރ. އަށް އަރަ އެވެ.