24 Sep 2013, 13:23
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް މި އަހަރު މަޖިލީހުން ކަނޑައަޅާފައިވާ ބަޖެޓް ކުޑަވުމުން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް މާ ބޮޑު މަސައްކަތަކެއް ނުކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓުރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިތުރު މާ ބޮޑު ހަރަކާތްތަކެއް މިއަހަރު ހިންގެންނެތް ކަމަށެވެ. އަދި މިހާތަނަށް ހިންގަން ރާވާފައިވާ ބޮޑެތި ހަރަކާތްތައް ބަޖެޓް ނުލިބުމުގެ ސަބަބުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ދެން އަމެއްހެން ފެއާއެއް އިނީދެން އެންމެ އަވަހަށް ވެސް ދެން، މިދިޔަ އަހަރު ބޭއްވި ގޮތަށް ރޫޓިން ބައެއް އެއްޗިސް އެކަނި އޮތީ،" އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހިނގަމުންދަނީ ރޫޓިންކޮށް ހިންގަމުންދާ ބައެއް ފެއާތަކުގައި ބައިވެރިވުން ކަހަލަ ކަންތައްތައް ކަމަށެވެ. އަދި މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭ އަހަރަށް ވާއިރު މާބޮޑު އިތުރު ހަރަކާތެއް ކުރިއަށް ނެތް ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ ބުނެފައި ވަނީ މި އަހަރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން އެކޯޕަރޭޝަނަށް ކަޑައަޅާފައިވާ 22 މިލިއަން ރުފިޔާއަކީ އެހެން އަހަރުތަކާ އަޅާބަލާ އިރު ވަރަށް ކުޑަ ބަޖެޓެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 70 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ އިރު މިއަހަރު 50 މިލިއަން ރުފިޔާއަށް ޓާގެޓްކުރިކަމަށެވެ. އަދި ބުނީ މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭއަހަރު ކަމަށްވާއިރު އެކަމަށް ހާއްސަކޮށް ގިނަ މަސައްކަތް ތަކަށް ކުރަން ޖެހޭއިރު މާ ކުޑަބަޖެޓެއް ލިބުމަކީ ބޮޑު އުދަގުލަކަށް ވާނެ ކަމަށެވެ.