24 Sep 2013, 13:05
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްޑީޕީން ރޭ މާލޭ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކަކު ކަމަށާއި އޭނާ ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަޖީދީމާއި ޗާންދަނީމަގު ގުޅުނު ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
ރޭގެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މެދު ހެންވޭރު ދާއިރާގެ މެންބަރުން އަލީ އާޒިމާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފުލުހުން ހައްޔަރުކުރި ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވީ މުޒާހަރާގައި އިތުރު ވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ރޭ ވަނީ އިންތިހާބު އަވަސް ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ. ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ނުހިނގައި ރޭ މެންދަމު 2 ޖަހާ އެހާކަންހާ އިރު މުޒާހަރާ ވަނީ ނިންމާލައިފަ އެވެ.