އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ އެކު އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް މަޑު ޖައްސާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއްނުވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ހުރިހާ ސިޔާސީ ފަރާތްތައް ގުޅިގެން ޑިމޮކްރެޓިކް އުސޫލްތައް ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ބާރު ދެމެހެއްޓުމަށް ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖެން ސާކި ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ އެކި ފަރާތްތަކުގެ ހެކި ބަސް ހޯދައިފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް މިއަދު ވެސް އެ ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯޓުގެ އަމުރަށް ނުބަލައި ކުރިޔަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.