24 Sep 2013, 11:46
ރާއްޖެ އިން ފުރިކަން ޔަގީންނުވާތީ 400އެއްހާ ބިދޭސީ މަސައްކަތު މީހުންގެ ޑިޕޮސިޓް ފައިސާ ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.
އެ ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ އެ 400 އެއްހާ ބިދޭސީ މަސައްކަތު މީހުން ފުރިކަން ޔަގީން ނުވަނީ ކުރިން ބޭނުންކުރަމުން ގެންދިޔަ ނެކްސް ބިޒް ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޑޭޓާތައް މިހާރު ބޭނުންކުރާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ފެންނަން ނެތުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުރިކަން ޔަގީންނުވާ މީހުންގެ ޑިޕޮސިޓް ފައިސާ ދުލެއްނުކުރަން. އޭގެ އިތުރުން އެ ފަރާތްތަކަށް އަލުން ކޯޓާއެއް ވޯކްޕާމިޓެއް ވެސް ނުދެވޭ،" އޭނާ ވިދާޅުވި އެވެ.
އެ ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ ނެކްސް ބިޒްގެ ސިސްޓަމްގައި ހުރި ޑޭޓާތައް ޓްރާންސްފާކުރުމާ ބެހޭ ގޮތުން މި އަހަރުގެ އޭޕްރިލް އަދި މެއި މަހު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ދިން ބޯޑާ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށި އިރު އެއްވެސް ޑޭޓާއެއް ޓްރާންސްފާއެއް ނުކުރުވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމެރިކާގެ ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް ނުދޭ ކުރީގެ ޑޭޓާތައް އަޅާނެ ފުރުސަތެއް. އެހެންވެ އެޑޭޓާތައް ނެތުމުން މި މައްސަލަ ދިމާވެގެން މިއުޅެނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތަފާސް ހިސާބު ނަގާ ގޮތަށް ވެސް ބަދަލުތަކެއް އައިސްފައިވާތީ އެ މައުލޫމާތު ހޯދަން ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ޓޫރިސްޓު އެރައިވަލް ކުރިން ނަގަމުން އަންނަ ގޮތަކަށް މިހާރު ނެގޭކަށް ނެތް. އެހެންވެ މައުލޫމާތުތައް އަލުން ނަގާނެ ގޮތެއް ބަލަމުން މިގެންދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.