ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުރި ޝޮޕިން މޯލަކަށް މިދިޔަ ހުކުރު ދުވަހު ބަޔަކު ހަތިޔާރާ އެކީ ވަދެ އެތަނުގައި ގަތުލުއާއްމެއް ހިންގި އެވެ. އެކަމުގެ ޒިންމާ ސޯމާލިޔާގެ އިސްލާމީ ޖަމާއަތެއް ކަމަށްވާ އައް ޝަބާބުން އުފުލާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ހަމަ އެދުވަހު ވެސް ބުންޏެވެ.

ސޯޝަލް މީޑިއާ ޓްވިޓާގައި އައް ޝަބާބުން އެވާހަކަތައް ދައްކާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ބުނަމުންދެ އެވެ. އައްޝަބާބުން އެކަން ކުރުމަކީ ހައިރާންވާ ވަރު ކަމެއް ނޫނެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ ހަމަލާގައި އިސްކޮށް ހުރީ އިނގިރޭސި އަންހެނެއްކަން އެނގުމުންނެވެ.

ކެންޔާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ ޝޮޕިން މޯލަށް ދިން ހަމަލާގައި ކޮމާންޑަރަކަށް ހުރީ އިނގިރޭސިވިލާތަށް އުފަން ސަމަންތާ ލިއުތުވައިޓް ނަމަކަށް ކިޔާ އަންހެނެއް ކަމަށް ބެލެވޭ ކަމަށެވެ. "ވައިޓް ވިޑޯ" (ހުވަފަތްވެފައިވާ ދޮން އަންހެނާ)ގެ ނަމުން މަޝްހޫރު ވެފައިވާ ސަމަންތާއަކީ މުޅި ހަމަލާ ރޭވި މީހާ ކަމަށް ކެންޔާ ފުލުހުން ތުހުމަތު ކުރެ އެވެ.

"މިހަމަލާގެ ފަހަތުގައި ހުރީ މިއަންހެންމީހާ ލިއުތުވައިޓް ކަމަށް އަހަރެމެން ތުހުމަތު ކުރަން،" ކެންޔާގެ އެންޓި ޓެރަރް ފުލުހުންގެ އިސް މީހަކު ބުނި ކަމަށް ނޫހުގައިވެ އެވެ.

ޝޮޕިން މޯލްގައި ތިބި މީހުންގެ ތެރެއިން މުސްލިމުން ނޫން މީހުންނަށް ޓެރަރިސްޓުން ހަމަލާ ދެމުން ދިޔަ އިރު އެމީހުންނަށް ކޮމާންޑް ކުރަން ހުރީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެއް ކަމަށް މަންޒަރު ދުށް މީހުން ބުނި ކަމަށް ވެސް އެނޫހުގައިވެ އެވެ.

ލިއުތުވައިޓް އަކީ ވަރަށް ޒުވާން އުމުރުގައި އިސްލާމްވި އިނގިރޭސި އަންހެނެކެވެ. އޭނާގެ ފިރިމީހާއަކީ 2005 ވަނަ އަހަރު އިނގިރޭސިވިލާތުގައި އަމިއްލައަށް މަރުވެގެން ހަމަލާ ދިން މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭގެ ފަހުން އޭނާ ސޯމާލި އަށް ގޮސް އައް ޝަބާބު ހަނގުރާމަވެރިންނާ އެކު ވަނީ ތަމްރީނުތައް ހަދާފަ އެވެ. މިހާރު އޭނާއަކީ އައްޝަބާބުގެ ތަރުޖަމާނު ކަމަށް ނޫހުގައިވެ އެވެ.

ނައިރޯބީގެ ޝޮޕިން މޯލަށް ދިން ހަމަލާގައި 20 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަހަމްވި އެވެ.