އިޓާލިއަން ލީގުގައި މިދިޔަ އާދިއްތަ ދުވަހު ނަޕޯލީ އަތުން އޭސީ މިލާން 2-1 އިން ބަލިވި މެޗަށްފަހު ކުޅިވަރުގެ ރޫހާ ހިލާފަށް ރެފްރީއާ ދިމާކޮށް ބޭއަދަބީ ބަހުން މުހާތަބުކުރުމުން އޭސީ މިލާންގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަލޮޓެލީއަށް ކުރިމަތިވެފައިވާ ސަސްޕެންޝަން ކުޑަކުރުމަށް އޭސީ މިލާންގެ އިސްވެރިން މިހާރު ވަނި މަސައްކަތް ފަށާފަ އެވެ. އެހެން ކަމުން ބަލޮޓެލީގެ ސަސްޕެންޝަން ދެ މެޗަށް ކުޑަކުރެވޭނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެ އެވެ.

ނަޕޯލީ އަތުން އޭސީ މިލާން ބަލިވި މެޗަށް ފަހު ރެފްރީ، ބަލޮޓެލީއަށް ރަތް ކާޑު ދެއްކީ ނަޕޯލީގެ ކުޅުންތެރިއަކާ ދެމެދު ހިގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އަދި ބަލޮޓެލީގެ އިތުރުން ރެފްރީ ވަނީ ބަލޮޓެލީއާއެކު ހަމަނުޖެހުން ހިންގި ކުޅުންތެރިޔާއަސް ވެސް ރަތް ކާޑު ދައްކާފަ އެވެ.

ބަލޮޓެލީ ރެފްރީއާ ދިމާކޮށްފައި ވަނީ މެޗުގައި ނަޕޮޅީގެ ކުޅުންތެރިން ކުރި ފައުލްތަކާ ރެފްރީ މާބޮޑު އަޅާލުމެއް ދީފައި ނުވާތީވެ ކަމަށް ވީއިރު، މެޗުގައި ބަލޮޓެލީއަށް ލިބުނު ޕެނަލްޓީ ވެސް އޭނައަށް ވަނީ ކާމިޔާބު ނުކުރެވި އެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ބަލޮޓެލީއަށް އިޓާލިއަން ލީގުގައި ބޮލޮނާ އާއި ސަމްޕްޑޯރިއާ އަދި ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.