ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން ފޮނުވުން ވަގުތީ ގޮތުން އެ ގައުމުގެ ސަރުކާރުން ހުއްޓާލައިފި އެވެ.

ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މަސައްކަތު މީހުން އަންނަ ގައުމުގެ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަމަޖެއްސި އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ އިއްޔެ އިން ފެށިގެން ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އަމާންވެއްޓެއް ގާއިމުވަންދެން މި އުސޫލަށް އަމަލުކުރުމުގައި ދެމިތިބޭނަން،" ބަންގްލަދޭޝްގެ މޭން ޕަވާ އެންޑް ހިއުމަން ރިސޯސަސް ޓްރެއިނިން ބިއުރޯގެ ޑިރެކްޓަރު އަބްދުއް ލަތީފް ޚާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ މީހުންގެ ހާލަތު ދެނެގަތުމަށް ހާއްސަ ވަފުދެއް މި ހަފުތާގެ ތެރޭގައި ފޮނުވާނެ ކަމަށެވެ. އަދި އެ ގައުމުން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ހުއްދަ ދޫކުރަން ފަށާނީ އެ ވަފުދުގެ ހުށަހެޅުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް ލަތީފް ވިދާޅުވެފައިވެ އެވެ.

އެ ގައުމުގެ މީޑިއާގައި ބުނެފައި ވަނީ 1973 ވަނަ އަހަރުން ފެށިގެން މި މަހުގެ 20ގެ ނިޔަލަށް އެ ގައުމުގެ 28،000 މަސައްކަތު މީހުން އައިސްފައިވާ ކަމަށެވެ. އަދި މި އަހަރު އެކަނި ވެސް 8،000 އަށް ވުރެ ގިނަ މީހުން އައިސްފައިވާ ކަމަށް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 150،000 ބިދޭސީން މަސައްކަތްކުރަމުން ގެންދެ އެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ހިމެނެ އެވެ.