24 Sep 2013, 10:12
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޖަރުމަން ބުންޑަސްލީގާގެ ކްލަބް ހެމްބާގްގެ ކޯޗަކަށް ނެދަލެންޑްސްގެ ބާޓް ވެންމާވިކް ހަމަޖައްސައިފި އެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް މީގެ ކުރިން ކޯޗް ކޮށްދިން ބާޓް ހެމްބާގްގެ ކޯޗަކަށް ހަމަޖެއްސީ ކުރިން އެ ކްލަބަށް ކޯޗް ކޮށްދިން ތޯސްޓަން ފިންކް މަގާމުން ވަކިކޮށްފައި ވުމުންނެވެ.
ހެމްބާގްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ބާޓް ބުނީ، އެ ކްލަބާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް ހެދީ ވިވަގުތު އެ ކްލަބަށް ދިމާވެފައިވާ ދަތިތަކުން އެ ކުލަބް ސަލާމަތް ކޮށްދިނުމަށް ކޮންމެހެން ވެސް ބޭނުންވާތީވެ ކަމަށެވެ. އަދި ހެމްބާގްގެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވަރަށް ގާތް ރަހުމަތްތެރި ކުޅުންތެރިންތަކެއް ކަމަށް ވީއިރު، އެޓީމަށް ކާމިޔާބު ހޯދައި ދިނުމަކީ ވަރަށް ކުރިން ސުރެންވެސް އުންމީދު ކުރަމުންއައި ކަމެއް ކަމަށް ބާޓް ބުންޏެވެ.
ނެދަލެންޑްސްގެ ކޯޗުކަމާ 2008 ވަނަ އަހަރު ހަވާލުވި މާވިކް ވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ވެސް ނެދަލެންޑްސް ފައިނަލާ ހިސާބަށް ގެންގޮސްދީފަ އެވެ. އެހެން ނަމަވެސް އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ފީފާ ރޭންކިންގެ ކުރީގައި އޮތް ސްޕޭން އެވެ.