އަންނަ މަހު 30ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މަސައްކަތް ނިމޭނެތީ ކުރިއަށް މިއޮތް މުއްދަތުގައި ގިނަ މަސައްކަތްތަކެއް ނިންމޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނަށް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.


ޝާހިދު ވިދާޅުވީ ކޮމިޓީތަކުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމާ އެކު އެ މުއްދަތުގައި ވީހާ ވެސް ގިނަ މަސައްކަތްތަކެއް ނިންމޭނެ ގޮތަށް މަސައްކަތްތައް ރާއްވައިގެން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


މިއަދު ވޯޓަށް އެހިއިރު، އޮތް ހަމައެކަނި މައްސަލައަކީ، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ވެފައި އެވަގުތު ޖަލްސާގައި ތިއްބެވީ، 55 މެންބަރުން ކަމަށްވުމުން ޝާހިދު ވިދާޅުވީ އެ މައްސަލަ އަކަށް ވޯޓަކަށް ނާއްސަވަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލައަށް ވޯޓަށް އެހޭނީ މަދުވެގެން 58 މެންބަރުން ޖަލްސާގައި ތިއްބަވައިގެން ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ތަހަރުބައިކުޅަ ތިންބައި މެންބަރުންގެ ވޯޓު ލިބިގެން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު ވޯޓަށް އެހޭނީ އެ އަދަދަށް މެންބަރުން ތިއްބަވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާތީ އެ ބިލަށް ވޯޓަށް އެއްސެވުން މިއަދު ވެސް ލަސްކުރެއްވީ ކަމަށް ޝާހިދު ވިދާޅުވި އެވެ.


އިދިކޮޅު ޑީއާރުޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ގަނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ އެ މައްސަލައިގައި ދެ ޕާޓީން ވާހަކަ ދެއްކެވުމަށް ފަހު، އެފަދަ ހައްސާސް މައްސަލައެއްގައި ވޯޓަށް އަހަންވީ ވަގުތު އެމްޑީޕީގެ ބައެއް މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ޖަލްސާގައި ވަޑައިގެން ނެތުމަކީ އެމްޑީޕީން މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުން ކަމަށެވެ. އަދި އެ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޮއިކޮޓް ކުރުމުން ވެސް މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވާތީ އެކަން ހަޖަމު ނުކުރެވިގެން އެމްޑީޕީ މެންބަރުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.