24 Sep 2013, 09:57
މީގެ އަހަރެއްހާ ދުވަސް ކުރިން ކެންސަރާ ހަނގުރާމަ ކުރަމުން ގެންދިޔަ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު އެރިކް އަބިދާލްއަށް "މޭ"ގެ ބައެއް ހަދިޔާ ކުރަން ނިންމި ކަމަށް ބާސާގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފި އެވެ.
ބްރެޒިލްގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގައި އަލްވޭސް ބުނެފައިވަނީ، އޭނާގެ ރަހްމަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވުމަށްވެސް އޭނާ ހުރީ ތައްޔާރަށް ކަމަށާއި އެގޮތަށް ނިންމީ އޭނާގެ ކެރިއަރަށް ވުރެ ރަހްމަތްތެރިޔާގެ ފުރާނަ މުހިއްމު ކަމަށް ދެކިގެން ކަމަށެވެ.
"އެރިކްއާއި އޭނާގެ އާއިލާދެކެ އަހަރެން ލޯބިވާތީ، އަހަރެންގެ ބޭނުމަކަށްވީ އޭނާއަށް އެހީތެރިވެ ދިނުން. މީހެއްގެ ފުރާނަ ނުރައްކަލުގެ ތެރޭގައިވާއިރު ކުޅިވަރު އަންނާނީ އޭގެ ފަހަތަށް،" އަލްވޭސް ބުންޏެވެ. "އަބިދާލްގެ ފުރާނައަށް ނުރައްކާވެފައިވާކަން އޭރު ވަރަށް ސާފު. އެކަމަކު އަހަރެން މޭގެ ބައެއް ހަދިޔާކުރަން ނިންމުމަކީ އަހަރެން ފުޓްބޯޅައާ އެއްކޮށް ދުރަށްދާން ޖެހޭނޭ ކަމެއް ނޫން. އެކަމުގައި ނުރައްކާތެރިކަމެއް ވާކަން އެނގޭ. އެކަމަކުވެސް ފުރާނައެއް ނުރައްކަލުގެ ތެރޭގައިވާ ހާލު، ފުޓްބޯޅަ އަހަންނަށް މުހިއްމެއް ނޫން."
އަލްވޭސް ބުނީ، ކެންސަރާ ހަނގުރާމަ ކުރަމުން ގެންދިޔަ އޭނާގެ ރަހްމަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މޭ ހަދިޔާ ކުރުމުގެ ސަބަބުން އޭނާއަށް ފުޓްބޯޅަ ނުކުޅެވޭ ގޮތް މެދުވެރިވެއްޖެ ނަމަ، އެހެން ގޮތެއް ހޯދައިގެން ވެސް ދިރިއުޅުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަ ހުރި ކަމަށެވެ.
"އަހަންނަށް ފުޓްބޯޅައާ ނުލައި އުޅެވިދާނެ. އަދި ފުރާނައެއް ސަލާމަތްކުރުމަށް އަހަރެން މޭ ހަދިޔާކުރަން ޖެހުނުނަމަ، ހެއްދެވި ފަރާތުން އަހަންނަށް އެހެން ދޮރެއް ހުޅުއްވައި ދެއްވާނެ،" އަލްވޭސް ބުންޏެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އަބިދާލްގެ "ލިވަރ ޑޮނޭޓް" ކުރީ އަބިދާލްގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ޖެރާޑް އެވެ. އަދި ފަރުވާއަށް ފަހު މިދިޔަ ސީޒަންގެ ފަހު ކޮޅުގައި އަބިދާލްއަށް ފުރިހަމަ ސިއްހަތެއް ލިބި، އެއްކޮށް ފިޓްވި ނަމަވެސް ބާސެލޯނާއިން އޭނާއަށް އިތުރު ފުރުސަތެއް ދީފައެއް ނުވެއެވެ.
އުމުރުން 30 އަހަރުގެ ފްރާންސް ޑިފެންޑަރަށް ބާސާއިން ފުރުސަތު ނުލިބުނު ނަމަވެސް، ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ހިލޭ ޓްރާންސްފާއެއްގެ ދަށުން އަބިދާލް ގުޅުނީ މޮނާކޯއާ އެވެ.