ވައިޓްހައުސް (ސެޕްޓެމްބަރ 24): އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ނިޔުޔޯކްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފި އެވެ.

ވައިޓް ހައުސް އިންބުނީ މިހަފްތާ ތެރޭގައިއެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވާނެ ކަމަށާ ދެ ބޭފުޅުން މަޝްވަރާ ކުރައްވާނީ އީރާނުގެ ނިއުކްލިޔަރ މައްސަލައާބެހޭ ގޮތުން ކަމުގަ އެވެ. އަނެއްކޮޅުން ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކުވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އާ ނިޔުޔޯކްގައި ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ.

ވައިޓް ހައުސްއިން ވެސްވަނީ މިއީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ. އެމެރިކާގެ އިސް މަސްއޫލުވެރިންނާއި އީރާނުގެ އިސްމަސްއޫލުވެރިން ބައްދަލުކުރެއްވުމަކީ މެދުއިރުމަތީގައި އެމެރިކާ ގެންގުޅެމުންގެންދާ ހަރުކަށި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ. އީރާނަކީ މެދުއިރުމަތީ ޓެކްނޮލޮޖީގެ ގޮތުންނާއި ހަތިޔާރުގެ ގޮތުންނާ ނުފޫޒުގެ ގޮތުން ސަރަހައްދީ އެންމެބޮޑު އެއް ބާރުކަމަށް ސިފަކުރެވޭ ގައުމެވެ.

މިއީ 1979 ވަނަ އަހަރަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރަކު އީރާނުގެ ޚާރިޖީ ވަޒީރަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ އާއި ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް މިއަދުގެ ވަގުތެއްގައި އެމެރިކާގެ ނިޔުޔޯކަށް ވަޑައިގަންނަވާނެއެވެ.
ރޫޙާނީ ދާދިފަހުންވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އޭނާ އަށް ސިޓީ އެއްފޮނުއްވާފައިވާ ކަމަށާ އޮބާމާގެ ސިޓީ އަކީހިތްހަމަ ޖެހޭ ސިޓީއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.އަދި ނިއުކްލިޔާ މައްސަލާގައި އީރާނާއިއެމެރިކާއާ ދެމެދު އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ރޫޙާނީ ވިދާޅުވެފައިވެއެވެ. މިހަފްތާގައި އީރާނުގެ ރައީސް ޑރ. ރޫހާނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވާނެއެވެ. (ބީ.ބީ.ސީ)