24 Sep 2013, 09:41
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލީ އަނބިކަނބަލުން މިޝޭލް އޮބާމާ ދެކެ ގަންނަ ބިރުގެ ސަބަބުން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ބީބީސީ އިން ބުނީ އޮބާމާ "މަޖަލަކަށް" މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ ތެރެއިން އދ.ގެ އޮފިޝަލަކާ އޮބާމާ ދެއްކެވި ވާހަކައިގެ ތެރެއިން ކަމަށާއި އޮބާމާ މިހެން ވިދާޅުވި އިރު، އެ މަންޒަރު ވީޑިއޯ ކުރެވެމުންދާ ކަން އޮބާމާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓްސް ޓު ފްރީޑަމް އޮފް ޕީސްފުލް އެސެމްބްލީ މައިނާ ކިއާއިއާ އެކު އޮބާމާ ދެއްކެވި ވާހަކާގައި އޮބާމާ ވިދާޅުވީ ސިނގިރެޓެއްގައި އަތް ނުލާތާ ހަ އަހަރު ވެއްޖެ ކަމަށެވެ.
"އެއީ އަންހެނުން ދެކެ ގަންނަ ބިރުގެ ސަބަބުން" އޮބާމާ ވިދާޅުވެ އެވެ.
ކެންޔާގެ މައިނާ ކިއާއީ ގާތު އޮބާމާ އެންމެ ފުރަތަމަ އައްސަވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފިންތޯ އެވެ.
ޖަވާބުގައި މައިނާ ކިއާއީ ވިދާޅުވަނީ ބައެއް ފަހަރު އަދިވެސް ސިގިރެޓް ބޭނުންކުރައްވާ ކަމަށެވެ.
މިހެން ވިދާޅުވުމުން އޮބާމާ ވިދާޅުވަނީ ސިނގިރެޓެއް ބޭނުން ނުކުރާތާ ހަ އަހަރު ވެފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މައިނާ ކިއާއީއަކީ އޮބާމާ އެކު ހާވަޑު ޔުނިވާސިޓީގެ ލޯ ސްކޫލުން ތައުލީމް ހާސިލްކުރެއްވި ބޭފުޅެކެވެ.
ބީބީސީ އިން ބުނީ މިވާހަކަ އޮބާމާ ދެއްކެވީ އޯޕަން މައިކެއްގެ ކުރިމަތީގައި ކަމުން، ސީއެންއެންއިން މިވާހަކައިގެ ވީޑިއޯކޮށް، އެވީޑިއޯ ދައްކާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އޮބާމާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކުރައްވާފައިވާ "އުދަނގޫ" މަސައްކަތުގެ ވާހަކަ އާއްމުކޮށް ދައްކަވާފަ އެވެ.