ގާހިރާ (ސެޕްޓެމްބަރ 24) : މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާޢަތުގެ ޙަރަކާތްތައް މަނާކުރުމަށާއި އެޖަމާއަތުން އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާ ކަމަށްވާ "ޖަމްޢިއްޔަތުލް އިޚްވާން"ގެ ހުރިހާ މުދަލާއި އެސެޓްތަކާއި ބޭންކް އެކައުންޓްތައް ބޭނުންނުކުރެވޭ ގޮތަށް ގަނޑުކުރުމަށް ގާހިރާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ޢަސްކަރީ އިންގިލާބެއްގައި މިސްރުގެ ވެރިކަމުން ދުރުކޮށްފައިވާ އިޚްވާން ޖަމާއަތާ ދެކޮޅަށް މިގޮތަށް ޙުކުމްކޮށްފައި ވަނީ މިސްރުގެ ވަގުތީ ސަރުކާރަށް ތާއީދުކުރާ ލާދީނީ (ޢިލްމާނީ) ޕާޓީއެއް ކަމަށްވާ ތަޖައްމުޢު ޕާޓީން ކޯޓަށް ހުށަހެޅި ދައުވާއެއްގެ އަޑުއެހުންތައް ނިންމާލުމަށް ފަހު އިއްވި ހުކުމްގަ އެވެ. ނަމަވެސް މިހުކުމަކީ އިބްތިދާއީ ހުކުމަކަށްވާތީ މިއީ މަތީކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހުކުމެކެވެ. މިހުކުމް އިއްވާފައި މިވަނީ މިސްރަށް އިންގިލާބުގެނައި ސިފައިންގެ ކޮންޓްރޯލްކުރާ ސަރުކާރާ ދެކޮޅަށް އިޚްވާންޖަމާއަތުން މުޒާހަރާތައްކުރަމުން ގެންދާވަގުތެއްގަ އެވެ.

އިޚްވާން ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާކުރަނީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލަމުންނެވެ. މިސްރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ހަސަނުލްބަންނާ، މީގެ 85 އަހަރުކުރިން އުފެއްދި އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ މިސްރުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ އަދި އެންމެ ތަޖްރިބާކާރު ސިޔާސީ ޖަމާއަތެވެ. އިޚްވާން ޖަމާއަތުން ހިންގާ ސްކޫލްތަކާއި ކޮލެޖާއި ހޮސްޕިޓަލްތަކާއި އިޖްތިމާޢީ ޚިދްމަތްތައްދޭ އެތައް މަރުކަޒެއް މިސްރުގެ ކަންކޮޅުތަކުގައިވެ އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ކަމަށްވާ ތައްލީމާއި ސިއްހީ ޚިދުމަތްތައް މިސްރުގެ ހުރިހާ ރައްޔިތުންނަށް ދިނުމަށް މިސްރުގެ ސަރުކާރުތަކުން ނުކުޅެދިފައިވާއިރު އިޚްވާން ޖަމާއަތަކީ ތައްލީމާއި ސިއްޙީ ޚިދްމަތްތަކުން މަހުރޫމް ވެފައިވާ އެތައް ލައްކަ ކުދިންނާއި މީހުންނަށް މިޚިދްމަތްތައް ހިލޭ ފޯރުކޮށްދެމުން ގެންދާ ވަރަށް ހަރަކާތްތެރި ޖަމާއަތެކެވެ. މިސްރުގެ ފަގީރުންނާއި މެދުފަންތީގެ މީހުންގެ ތާއީދު އިޚްވާން ޖަމާއަތަށް ލިބޭ މައިގަނޑު އެއްސަބަބަކީ ވެސް މިއެވެ.
މިސްރުގެ ލާދީނީ ޕާޓީތަކާއި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ މިސްރުގެ ވަގުތީ ސަރުކާރު ގެންދަނީ އިޚްވާން ޖަމާއަތް ރޫޅާލައި އެ ޖަމާއަތަކީ ޣައިރު ގާނޫނީ ޖަމާއަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިސްރުގެ އެތެރޭގެ މަސްރަޙް އޮތް ގޮތުން މިކަން ޝަރުޢީ ދާއިރާއަށް ހުށަހެޅުމުގެ ކަންތައް މިސްރުގެ ވަޒީރުންގެ މަޖިލީހުން ވަނީ މުއްދަތެއްނެތި ފަސްކޮށްފަ އެވެ. ނަމަވެސް މިސްރުގެ ސަލާމަތީ ބާރުތަކުންވަނީ އިޚްވާން ޖަމާއަތުގެ އިސްވެރިންގެ ގޮތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ލީޑަރުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް މީހުން މެރުމާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގިކަމުގެ ތުހުމަތުތައް ކޮށްފަ އެވެ.

މިއީ އިޚްވާން ޖަމާއަތް މިސްރުގެ ވެރިކަމަށް އަލުން އަޔަނުދިނުމަށް ޓަކައި ސިޔާސީ ނުބައި މަގްސަދެއްގައި ކުރާކަމެއް ކަމަށް އެޖަމާއަތުން ވަނީ ސިފަކޮށްފަ އެވެ. ގާހިރާގެ ކޯޓުން އިއްޔެ ކޮށްފައި ވަނީ އިޚްވާން ޖަމާއަތްޣައިރު ގާނޫނީ ޖަމާއަތަކަށް ހެދުމުގެ ހުކުމެއްނޫނެވެ. އިއްޔެ ހުކުމްކުރީ އިޚްވާނުލްމުސްލިމޫން ޖަމާޢަތުގެ ޙަރަކާތްތައް މަނާކުރުމަށާއި އެ ޖަމާއަތުގެ އިޖްތިމާޢީ ނެޓްވާކް ކަމަށްވާ "ޖަމްޢިއްޔަތުލް އިޚްވާން"ގެ ހުރިހާ މުދަލާއި އެސެޓްތަކާއި ބޭންކް އެކައުންޓްތައް ގަނޑުކުރުމުގެ ހުކުމެވެ. މިކަމުގެ ސަބަބުން މިސްރުގެ ފަގީރު ޢާއިލާތަކުގެ އެތައް ލައްކަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްލިބި އެމީހުން އަސާސީ އެތައް ޚިދުމަތްތަކަކުން މަހުރޫމްވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިޚްވާން ޖާމާއަތަކީ އިސްލާމީ ސިޔާސީ ޖަމާއަތެކެވެ. މިޖަމާއަތަކީ ޒަމާނީ ތައްލީމާއި މޮޑަނައިޒޭޝަންގެ އުސޫލުތައް ބޭނުންކޮށްގެން އިސްލާމީ ޝަރީޢަތާއި އުސޫލުތަކާ އެއްގޮތަށް ވެރިކަން ކުރުމުގެ ފިކުރު ގެންގުޅޭ ޖަމާއަތެކެވެ. (އަލްޖަޒީރާ)