24 Sep 2013, 00:25
ގއ. ވިލިނގިލީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހަކު މިރޭ މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހިނގި އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެރަށު ޒަމާނީވިލާ، އަހުމަދު މުހައްމަދު 30، އާއި އެރަށު ކޯޒީގޭ، އަރުޝަދު އަހުމަދު 16، މާލެ ގެނެސްފައި ވަނީ އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ކަމަށެވެ.
އެ ދެމީހުންނަށް އިތުރަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
އަނިޔާވި ދެ މީހުން މާލެ ގެނައީ ގއ. އަތޮޅު ހޮސްޕިޓަލުން އެ ދެމީހުންނަށް ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ ގއ. އަތޮޅު ކައުންސިލްގެ އެދުމަކަށް ކަމަށް އެމްއެންޑީއެފް ބުންޏެވެ.
ވިލިނގިލީގައި މިއަދު މެންދުރު ހިނގި އެ އެކްސިޑެންޓްގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ދެ މީހަކު އިތުރަށް ފަރުވާދިނުމަށް މާލެ ގެނެސްފައިވާއިރު ތިން ވަނަ މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެގެން މާލެ ގެނައި 16 އަހަރުގެ ކުއްޖާއަކީ އެތަނުން އެ ސައިކަލްގެ ފަހަތުގައި އިން ސްކޫލް ކުއްޖާ އެވެ.