24 Sep 2013, 00:19
ޕީޕީއެމްގެ ސަރުކާރެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމުދޭ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) އަށް ބިމެއް ދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ސީޑީސީގެ ބެލެނިވެރިންނާއި ޓީޗަރުންނާއި ބައްދަލުކުރެއްވުމަށް މިރޭ ކެއާ ސޮސައިޓީ ހިންގަމުން އަންނަ އިމާރާތުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ޖަމީލު ވިދާޅުވީ ކެއާ ސޮސައިޓީ އަށް ބިމެއް ނުދެވޭންވީ ސަބަބެއް ނެތް ކަމަށާއި ސްކޫލުތަކަށް ބިންދޭ ފަދައިން ދާއިމީ ގޮތެއްގައި ކެއާ ސޮސައިޓީ އަށް ވެސް ބިމެއް ނުވަތަ ބިމެއް ލިބޭ ގޮތް ނުވެއްޖެ ނަމަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައްވައި ދެއްވާނެ ކަމަށެވެ. އަދި ކެއާ ސޮސައިޓީ ކުދިން މަގުމައްޗެއް ނުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ޕީޕީއެމްގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮށްދެއްވާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ސިއްހީ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ ސަރަހައްދުތަކަށް ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިގެން ފަރުވާދެވޭނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިއްހީ މަރުކަޒުތަކުގައި ކިއުގައި ނުޖެހި ފަރުވާ ލިބުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމުގެ ތައުލީމީ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޓީޗަރުންނާއި ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ޖަމީލު ވަނީ މިރޭގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އަދި އިޖްތިމާއި ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އަގު 5000ރ. އަށް ބޮޑު ކޮށްދޭނެ ކަމަށް ވެފައިވާ ވައުދުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބޭ އެއްޗެއް ބޮޑު ކޮށްދެއްވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލު ވަނީ ކެއާ ސޮސައިޓީގެ ހިތްވަރުގަދަ ޓީޗަރުން ކޮށްދެއްވާ މަތިވެރި ހިދުމަތަށް ޝުކުރުއަދާ ކުރައްވާ މިހާރުން މިހާރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާ، ބާރު އަޅުއްވާނެ ކަމަށް ބެލެނިވެރިންކައިރީގައި ދަންނަވާފަ އެވެ.
ކެއާ ސޮސައިޓީގެ ބެލެނިވެރިންނާއި ޓީޗަރުން ވަނީ ފައިސާ ނެތިގެން އެސޮސައިޓީގެ ކިޔެވުން ހުއްޓާލަން ނިންމާފައިވާތީ، މީގެ ދެދުވަހެއް ކުރިން ނުކުޅެދުންތެރިކަން ހުރި ކުދިންގެ ހައްގުގައި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.