ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި 95000 ވޯޓުގެ ތެރެއިން ބޮޑުބަޔަކީ ސައްޙަ ގޮތުގައި ލިބިފައިވާ ވޯޓުތަކެއް ނޫންކަން މިއަދު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ސާބިތު ވެއްޖެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން-މޭޓް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މައްޗަން ގޮޅީ ދެކުނު ދާއިރާގެ ޒުވާނުން އިސް ނަގައިގެން މިރޭ މައްޗަންގޯޅީ ސަހަރާ ހުންނަ ދިމާއިން ބުރުޒުމަގުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުން ދެކަމެއް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ލިބިގެން ދިޔަ 95000 ވޯޓުގެ ސައްހަކަމާ މެދުގައި ގާނޫނީ ގޮތުން ބަލަން ޖެހޭ ބެލުންތަކެއް އެބަ ހުއްޓޭ. އަދި އެ 95000 ވޯޓަކީ ސައްހަ ގޮތުގައި ލިބިފައިވާ ވޯޓެއް ނޫނޭ. އޭގެތެރެއިން ވަރަށް ބޮޑު ބަޔަކާ ބެހޭ ގޮތުން ޝައްކުތަކެއް އުފެދިފައި އެބަހުއްޓޭ. އެ ޝައްކުތައް އުފެދިފައި ހުރި ގޮތްވެސް އަޅުގަނޑުމެންނަށް މިހާރު މިވަނީ ޝަރީއަތުގެ މަޖިލީހުގައި ރާއްޖޭގައި ހިނގަމުންދާ ޝަރީއަތުގެ ތެރޭގައި ހާމަވެގެން ގޮސްފައި،" ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީކު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓާސް ލިސްޓާ ވަރަށް ބޮޑަށް ކުޅެފައިވާ ކަމަށާއި އެކަކު ދެފަހަރު ތިންފަހަރު ވޯޓު ދިނުމާއި އަދި ގޮތްނޭނގޭ ގޮތަށް ވޯޓު އިތުރުވެގެން ގޮސްފައިވާކަން، މިހާރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ދެވަނަ ކަމަކަށް ފާހަގަކުރެވިފައި މިވަނީ، ސުޕްރީމް ކޯޓުގެ ނިންމުން ސާބިތުކޮށް މިދެނީ، ދެވަނަ ބުރުގައި ސައްހަ އިންތިހާބެއް ބޭއްވުމަށްޓަ ކައި، އެބަ ލާޒިމް ކުރޭ ކަންތައްތަކެއް ކަށަވަރު ކުރަން. އެހެން ކަމުން ސުޕްރީމް ކޯޓުގެ ހުކުމުން ދެވަނަ ބުރެއްގައި ސައްހަ އިންތިހާބެއް ބޭއްވުމަށް ބާރު ލިބިގެން މިދިޔައީ. ގާނޫނުގެ ހުކުމް ދެމެހެއްޓުމަށް ބާރު ލިބިގެން މިދިޔައީ،" ޖަމީލު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ސައްހަކަމާ ދޭތެރޭފައި އެމްޑީޕީ ފިޔަވައި އިންތިހާބުގައި ވާދަކުރި އެހެން ހުރިހާ ޕާޓީތަކަކުން ސުވާލު އުފައްދަމުންދާ މި ދަނޑިވަޅުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން-މޭޓް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޓަކައި އިލެކްޝަންސް ކޮމިޝަން ވަނީ ނާގާބިލު ވެފައި ކަމަށާއި އަދި އެ ކޮމިޝަންގައި ތިއްބެވި ބައެއް މެންބަރުންނަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ވަރަށް ބޮޑަށް ބުރަވެފައިވާ މެންބަރުންތަކެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ހުކުމާ ގުޅިގެން އިލެކްޝަންސް ކަމިޝަނުން އެބަ ޖެހޭ މިހާރު އިލެކްޝަން ކަމިޝަނުން ގާއިމްކޮށްފައިވާ ނިޒާމްތައް ރަނގަޅު ކުރަން، އަދި ވޯޓާސް ލިސްޓު ސައްހަ ކުރަން. އަދި ހަމަ އެއާ އެކު ވޯޓު ކަރުދާސްކޮޅުގެ ރައްކާތެރިކަމަކީ މި އިންތިހާބުގައި ވާދަކުރާ ޕާޓީ ތަކުގެ އިތުބާރު ލިބިގެންވާ ފަދަ ގޮތަކަށް އެ ރައްކާތެރިވެފައިވާކަން ކަށަވަރު ކުރަން އެބަޖެހޭ،" ޖަމީލު ވިދާޅުވި އެވެ. "އެ ކޮމިޝަންގައި ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަވެފައިވާ މެންބަރުން ކޮޅެއް ހިމެނިފައިވުމާ އެކު ތަކުރާރުކޮށް އަޅުގަނޑުމެން ދެންނެވުމާ އެކީގައި ވެސް މިދެންނެވި ކަންތައްތަކަށް، އިލެކްޝަންގައި ވޯޓާސް ލިސްޓް ރަނގަޅުކުރުމަށް އެބޭފުޅުން ސަމާލުކަން ނުދިނުން އެއްކަމަކީ. ދެވަނަ ކަމަކީ ވޯޓާސް ކަރުދާސް ކޮޅު އުފުލުމާއި ޗާޕްކުރުމާއި އަދި ރައްކާކުރުމުގައި އަޅުގަނޑުމެންނަށް އިތުބާރު ހިފޭ ގޮތަކަށް އެކަން ޔަގީން ކަށަވަރު ކޮށްދީފައި ނުވޭ."

ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި އިއްޔެއަކީ ދެވަނަ ބުރުގެ ވޯޓާސް ލިސްޓަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ހުށަހަޅަން ޖެހޭ ވަގުތު ހަމަވާ ދުވަސް ކަމަށްވާ އިރު އެވަގުތު ހަމަވިއިރު ވެސް އަދިވެސް ވޯޓާސް ލިސްޓު ނުލިބޭ ކަމަށެވެ.

"އެހެންވީމާ ކަނޑައެޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން މިގެންދަނީ، އެ ކަމިޝަންގެ ގާނޫނާއި އަދި ހަމަ އެއާއެކީގައި އަޅުގަނޑުމެންނަށް ވާދަވެރި ގޮތެއްގައި އަދުލުވެރި ގޮތެއްގައި، މިނިވަން ގޮތެއްގައި އިންތިހާބެއް ބޭއްވުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް،"ޑރ. ޖަމީލު ވިދާޅުވި އެވެ. " އެހެންވީމާ އިލެކްޝަން ކޮމިޝަންގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އަޅުގަނޑު ދެކޭގޮތުގައި، ދެވަނަ ބުރު ސައްހަ ކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ގާނޫނީ ފިޔަވަޅެއް."

ރިޔާސީ އިންތިހާބުގެ ދެވަނަބުރު ފަސްކުރުމުގެ އަމުރެއް އިލެކްޝަންސް ކަމިޝަންގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ އިރު ޑރ. ޖަމީލު ވިދާޅުވީ، އިލެކްޝަންސް ކަމިޝަންގެ ތެރޭގައި ހުރި ކަންތައްތައް ސައްހަކޮށްގެން މެނުވީ، ސައްހަ އިންތިހާބެއް ނުބޭއްވޭނޭ ކަން މިއަދު ސާބިތުވެގެން ހިނގައްޖެ ކަމަށާއި ރާއްޖޭގައި ގާނޫނުގެ އަމުރު ރާއްޖޭގައި ހިންގުމަށް ޓަކައި އަދި ކުރިމަގުގައި ރާއްޖޭގައި ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް ޓަކައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްގެން ނޫން ގޮތަކަށް އިންތިހާބާއިގެން ކުރިއަށް ދިއުމަކީ ޕީޕީއެމްއިން ބަލައިގަންނާނޭ ކަމެއް ނޫންކަމަށެވެ.

"ސަބަބަކީ އެފަދަ ގޮތަކަށްދާ އިންތިހާބަކީ އެ އިންތިހާބު ތެރޭގައި މަކަރާއި ހީލަތް ހަދައި އަދި މިހާރު ވެސް ފުރަތަމަ ބުރުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް ހުރުމާއެކީގައި ހަމަ އެ އޮޅުވާލުންތައް އެގޮތަށް އޮޅުވާލާނޭކަން އަޅުގަނޑުމެންނަށް އެނގޭތީވެ އާއި އަދި އެގޮތަށް އެކަން ހިނގައިދާނޭ ކަމުގެ ބިރު އެބަ އޮތްކަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އިސްކޮށް ތިބެގެން މިޖެހި ސަކަރާތުންނާއި އަދި ގާނޫނީ އިމުން ބޭރުން، ދުސްތޫރީ އިމުން ބޭރުން މަޖިލިސްތެރޭގައި މި ބޭއްވުމަށް މަސައްކަތް ކުރި ޖަލްސާއާއި މިހުރިހާ ކަމަކުން އެނގޭ އެއް ކަމަކީ، އެމްޑީޕީ އެބަ އޮތޭ ފޮރުވަން ބޭނުންވާ ކަންތައްތަކެއް. އެކަންތައްތަކަށް އިލެކްޝަން ކޮމިޝަނުން މިއަދާ ހަމައަށް ވާގިވެރިވެފައިވާކަން." ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވި އެވެ.