އިންތިހާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ހުށައަޅާފައިވާ މައްސަލަ ސުޕުރީމް ކޯޓުން ނިންމަންދެން މުޒާހަރާކުރުމަށް އެމްޑިޕީ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

"ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން" ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމްޑީޕީ އިން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށައެޅި ގަރާރު ފާސްކޮށްފައި ވަނީ އެ ޖަލްސާގެ އިއްތިފާގުން ނެވެ.

އެ ގަރާރުގައި ނިންމާފައި ވަނީ ވަކި މުއްދަތެއް ނޭނގޭ ގޮތަށް އިންތިހާބު ލަސްކޮށްފައިވާ ކަމަށް ބުނެ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަންގަންދެން އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ އިހުތިޖާޖް ކުރާނެ ކަމަށެވެ.

މިރޭ ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަނަށް ގޮވާލާ ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރުންނަށް ހިމާޔަތްދިނުމަށް ސިފައިންގެ އަރިހުން ރައީސް ނަޝީދު އެދި ވަޑައިގެންނެވި އެވެ.

މިރޭ ބޭއްވި އެ ޖަލްސާގައި ވާހަކަ ދެއްކި ހުރިހާ މެމްބަރުން ވެސް ވަނީ ސުޕުރީމް ކޯޓްގެ ފަނޑިޔާރުންނަށް ފާޑުކިޔައި ވާހަކަ ދައްކައިފަ އެވެ.

އެ ގަރާރު ފާސްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްޑީޕީ އިން ވަނީ މާލޭގައި މުޒާހަރާ ކުރަން ފަށައިފަ އެވެ.