23 Nov 2010, 12:50
ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކެބިނެޓަށް މި މަހުގެ ހަތް ވަނަ ދުވަހު އައްޔަން ކުރައްވާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު އާދިލު ސަލީމާއި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދުގައި ރުހުން ދިނުން ބަޔާންކުރާ 171 (ށ) ގެ ދަށުން އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުން އާންމު ކުރައްވާފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ގާނޫނު އަސާސީގެ 192 ވަނަ މާއްދާގެ (ރ)ގެ ދަށުންނެވެ.
ދެ ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރިއިރު އިއްޔެ ޖަލްސާގައި ވަނީ ކުރިން އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގައި ވޯޓު ނަގައިފަ އެވެ.