23 Sep 2013, 22:51
މާލެއިން ފުރައިގެން މުދާ ބަރުކޮށްގެން ބ. ގޮއިދު އަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި ފަށަން ބިންދައިގެން ހިނގައްޖެ އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު އިރުއޮއްސި ހަތެއްޖަހާ އެހާކަންހާއިރު އެ ރަށު ބޭރު ފަރުތޮށީގެ އިރުމަތީ ފަރާތަށް އަރާފައި ވަނީ އެ ރަށު ގުލްބަހާރުގެ، އަބްދުލްގަފޫރުގެ "ފަރިދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި ދޯނި ފަރަށް އަރާފައި ވަނީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު ފަޅުވެރިންނާއި އަންހެނަކު ދޯނީގައި އިން ކަމަށާއި ނަމަވެސް އެއްވެސް ގެއްލުމެއް އެއިން އެއްވެސް މީހަކަށް ލިބިފައިނުވާ ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ގޮއިދޫއަށް ދިޔަ އެ ދޯނީގައި ހިލަޔާއި ހިލަވެލީގެ އިތުރުން އެކި ބާވަތުގެ މުދާ ވެސް ހުއްޓެވެ. އަދި ފަރަށް އެރި ދޯނި މިރޭގެ ވަގުތެއްގައި ވަނީ ފުންކޮށްފަ އެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު މިރޭ ވިދާޅުވީ އެ ހާދިސާގައި ދޯނީގެ ފަށަން ބިންދައިގެން ގޮސް ގެއްލުންތަކެއް ވެފައިވާ އިރު އެ އަތޮޅު ފުޅަދޫ އާއި ފެހެންދޫގެ ރައްޔިތުންގެ ވެސް އެހީތެރިކަމާ އެކު ދޯނި ފުންކުރެވިފައިވާ ކަމަށެވެ.
"ދޯނި އެހެލުމުގެ ކަންތައްތައް މިރޭ ކުރާނެ. އެހެން ނޫން ނަމަ އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް. ލިބުނު ހުރިހާ ގެއްލުމެއް އެނގޭނީ ދޯނި އެހެލީމާ. ދޯނީގެ ފަށަން ވެސް އޮތޯ ބިނދިފައި، ނަމަވެސް މުދާކޮޅު ވަނީ ސަލާމަތްކުރެވިފައި." އާމިރު ވިދާޅުވި އެވެ.