ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ މެދު "ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން" ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކާއި ގާނޫނު އަސާސީއަށާއި އެބާވަތުގެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކާއި އެ މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ކަމަށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން އަންނަ ހޮނިހިރު ދުވަހު ބާއްވަން އިއުލާން ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް އަމުރެއް ނެރެދިނުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެދިފައިވާތީ އެވެ.

"...މި މައްސަލައިގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ އެ އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ބަހުސްކުރުމަށް ފަހު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެ އަމުރުގައި ސޮއިކުރައްވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.

އެ އަމުރުގެ ލެޓާ ހެޑްގައި ސޮއި ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ.