23 Sep 2013, 18:48
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަބްދުﷲ ޝާހިދަކީ ކުރީގެ ރައީސް އަދި އެޕްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ "ޕަޕެޓެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުން ބޭނުންފުޅުވެގެން މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި މިއަދު ފާސްކުރި ގަރާރު ކުށްވެރި ކުރެއްވުމަށް ޕީޕީއެމް އާ ގުޅިފައިވާ ކޯލިޝަނުން ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ޝާހިދު މިވަގުތު ހުންނެވީ ނަޝީދު އެންގެވި ކޮންމެ ކަމެއްވެސް ކުރައްވާ ފަދަ ހާލަތަކަށް ވެއްޓިފައި ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މިއަންނަނީ އަބްދުﷲ ޝާހިދަކީ މިވަގުތު ކެނެރީގޭ މުހައްމަދު ނަޝީދުގެ ޕަޕެޓެކޭ،" ނިހާން ވިދާޅުވި އެވެ. "ވަރަށް ބޮޑަށް މުހައްމަދު ނަޝީދުގެ ދަށުވެފައި މުހައްމަދު ނަޝީދު އެންގެވި ކޮންމެ ގޮތަކަށް ކޮންމެ ހަރަކާތަކަށް ތަބާވާން ޖެހޭ ހިސާބުގައި އެމަނިކުފާނު އެހުންނެވީ."
ނިހާން ވިދާޅުވީ އަބްދުﷲ ޝާހިދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމް ހޯއްދަވައި ދެއްވީ އޭރު އެބޭފުޅުން ނިސްބަތްވާ ޑީއާރުޕީގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އަދި އެ ދުވަސްވަރު ޝާހިދުގެ ހައިބަތާއި ކަރާމާތުގެ ސަބަބުން ޑިއާރުޕީގެ ޖަލްސާތަކަށް ވެސް ވަޑައިގަންނަވަނީ ވަރަށް އާދޭހާ އެކު ދަންނަވައިގެން ކަމަށެވެ.
"ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެނެވުނީ އަޅުގަނޑުމެން ޑީއާރުޕީގެ މެންބަރުންގެ ވަރަށް ބުރަ މަސައްކަތުން 42 ވޯޓުން. އެމަގާމަށް ގެނެވުނު އިރު ކެޔޮދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ހައިބަތާއި ޝަރަފާއި ކަރާމާތުގެ ބޮޑުކަމުން އަޅުގަނޑުމެންގެ ޑީއާރުޕީގެ ޖަލްސާތަކަށް ވަޑައިގަތުމަށް ވެސް ޖެހެނީ ދަންނަވަން. ވަރަށް އާދޭހާ އެކު ދަންނަވައިގެން އިއްޒަތާއި ކަރާމާތުގެ އަލީގައި ބެރުދުންމާރީގެ ތާޅަފިލީގައި ވަޑައިގެން ޖަލްސާ ހަމަ ނިންމަވާފައި ވަޑައިގަންނަވާނެ،" ޝާހިދުއާ އެކު ޑީއާރުޕީގައި އުޅުއްވި ދުވަސްވަރު ސިފަ ކުރަށްވަމުން ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އޭރު ޑިއާރުޕީގެ އާންމު މެންބަރުންނާ ބައްދަލު ކުރެއްވުމާއި، އަދި ޕާޓީގެ އެކްޓިވިސްޓުންނާ ބައްދަލުކޮށް ހަރަކާތްތަކުގައި ބައިވެރިވުމަކީ މަޖީލީހުގެ ރައީސްގެ ކަރާމާތާއި ޝަރަފަށް ކިލަނބުކަމެއް އަތުވެދާނެތީ އަބްދުﷲ ޝާހިދަށް އޭރު އެއްގޮތަކަށް ވެސް ކެރިވަޑައިގަންނަވާ ކަންތައްތަކެއް ނޫން ކަމަށެވެ.
"އެކަމަކު އެމްޑީޕީއާ ހަމަ ގުޅުނު ހިސާބުން ފެއްޓިގެން އެމީހުންގެ އާންމު އުސޫލާ އެއްގޮތަށް މަގުމަތީގައި ދަވާދުލައިދޭން ދިއުމާއި، ދާހާ ހަރަކާތެއްގައި ބައިވެރިވުމާއި، ގޭގޭ ދޮށުގައި ކުނިކަހައިދިނުމާއި ތެލިތަށިފަދަ ތަކެތި ދޮވުމާ ހަމައަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ގޮސްފައި،" ނިހާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަބްދުﷲ ޝާހިދުގެ އަމަލުފުޅުތައް މިހާރު ހުރިގޮތަށް ބައްލަވައިފި ނަމަ އެމަނިކުފާނު ކޮންޓްރޯލްކުރެވިފައި ވަނީ ކިހާ ހިސާބެއްގައި ކަމަށާއި އަދި އެމަނިކުފާނުގެ ހާލަތު ހުރީ ކިހާ ހިސާބެއްގައި ކަން ރައްޔިތުންނަށް މިއަދު ސާފުވާނޭ ކަމަށެވެ.
އެހެން ކަމުން މިއަދު މަޖިލީހުން ފާސްކުރި ގަރާރަކީ، މާލޭ ސިޓީ ކައުންސިލުގެ މެންބަރުން މަގުމަތީގައި ރަތް ކާޕެޓެއް އަޅުއްވައިގެން މީހެއްގެ ހަލާލު ގޯއްޗެއް އަތުލުމަށް ނިންމި ގަރާރާ ދާދި އެއްގޮތް ނިންމުމެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.