ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރަން ޖުމްހޫރީ ޕާޓީ އިން ސުޕުރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައާ ދެކޮޅަށް ސުޕުރީމް ކޯޓް ދަށަށް އެއްވެ އެމްޑީޕީ އިން މުޒާހަރާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓު ސަރަހައްދުން ބަންޑާރަ މިސްކިތް ސަރަހައްދަށް އެއްވެ މިއަދު މުޒާހަރާކޮށްފައި ވަނީ ހަވީރު 4:00 ޖަހާ އެހާކަންހާއިރު އެވެ. އަދި އެ މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ ހަވީރު 5:30 އެހާކަންހާއިރު އެވެ.

އެމްޑިޕީގެ އެހެން މުޒާހަރާތަކަށް ވުރެ ބައި މަދުކޮށް ފެނުނު އެ މުޒާހަރާގައި އެއްވި މީހުން ވަނީ އިންތިހާބު ބާތިލު ނުކުރުމަށާއި މިއަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުމަށް ގޮވާލާ އަޑުއުފުލައިފަ އެވެ. އަދި ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ބަސް ބުނެ އަޑު އުފުލާފައިވެ އެވެ.

މިއަދުގެ އެ މުޒާހަރާގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ފުލުހުން މުޒާހަރާ ރޫޅާލި ވަގުތު ދެ ފަރާތު ދެމެދުގައި ހޫނު ބަސްތަކެއް ބަދަލުކުރެވިގެންދިޔަ އެވެ. އަދި ފުލުހުން ވަނީ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފަ އެވެ.

މި މަހު 7 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ވޯޓުލީ މީހުންނާއި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް އެ ކޯޓަށް ފޮނުވުމަށް އަންގައިފަ އެވެ.

އަދި މިހާތަނަށް ވަނީ ޖުމްހޫރީ ޕާޓީން ހުށަހެޅި 11 މީހެއްގެ ހެކި ބަސްނަގައިފަ އެވެ. ޖުމްލަ 20 މީހަކު ހެކިގެން ގޮތުގައި ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހަޅާފައިވެ އެވެ.

ފުރަތަމަ ބުރުގެ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ފުރަތަމަ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އެ ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރީ ޖުމްހޫރީ ޕާޓީ އަށް ވޯޓުލީ މީހުންގެ ލިސްޓް ދެއްކުމަށެވެ. ނަމަވެސް މާނަވީ ގޮތެއްގައި އެ ޕާޓީ އަށް އެ ލިސްޓް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮޅުހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން އެމްޑީޕީ އަށް 45.45 ޕަސެންޓް ލިބުނު އިރު ޕީޕީއެމް އަށް ލިބިފައި ވަނީ 25.3 ޕަސެންޓެވެ. އަދި ޖޭޕީ އަށް 24.1 ޕަސެންޓް، އަދި ރައީސް ޑރ. މުހައްމަދު ވަހީދަށް 5.07 ޕަސެންޓެވެ.