23 Sep 2013, 18:06
ޕްރީ ސްކޫލުތައް ހިންގުމަށް ޓަކައި ސަރުކާރުން ކައުންސިލުތަކަށްދޭ ފައިސާ ނުލިބޭ ކަމަށް ބުނެ، ރ. މާކުރަތު ޕްރީ ސްކޫލުގެ ޓީޗަރުން ނުކުމެ އެ ސްކޫލު ބަންދުކޮށްފި އެވެ.
މާކުރަތުގެ ކައުންސިލުގެ ރައީސް ހަސަން އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށު ޕްރީ ސްކޫލް ބަންދުކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސްކޫލް ކުދިން ސްކޫލަށް ދިޔަ އިރު ސްކޫލް ބަންދުކޮށްފައި ހުރުމުން އެ ކުދިން އެނބުރި ގެއަށް ދާން ޖެހުނު ކަމަށެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ޓީޗަރުންނަށް ލިބެން ޖެހޭ މުސާރަ ނުލިބޭ ނަމަ، ސްކޫލުގެ ބެލެނިވެރިން ކައުންސިލް ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ ފައިސާ ހޯދުމަށް ޓަކައި ކައުންސިލުގެ ފަރާތުން އަތޮޅު އިދާރާއަށާއި އެލްޖީއަށާއި ފިނޭންސް މިނިސްޓްރީ އަށް ވެސް އެތައް ފަހަރެއް މަތިން ސިޓީ ފޮނުވާފައިވާ ކަމަށާއި ނަމަވެސް އަދި ޖަވާބެއް އައިސްފައިނުވާ ކަމަށެވެ. އަދި މިހާރު ވެސް ޕްރީ ސްކޫލު ހިންގުމަށް ޓަކައި ސަރުކާރުން މަދުވެގެން 156،240ރ. ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޒާމަތު މުހައްމަދު ވިދާޅުވީ އެ ބޭފުޅުންނަށް މުސާރަ ނުލިބޭތާ މިހާރު އަށް މަސްވެފައިވާ ކަމަށާއި މުސާރައެއްގެ ގޮތުގައި ލިބެނީ ދަރިވަރުންގެ އަތުން ފީ އިން ކޮންމެ ޓީޗަރަކަށް މަހަކު 800 ރުފިޔާ ކަމަށެވެ.