އެމްޑީޕީން ހުށަހަޅައިގެން މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި މިއަދު ފާސްކުރި ގަރާރަކީ ސައްހަ ގަރާރެއް ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝަހިދު ވަނީ މިއަދުން ފެށިގެން އެމަގާމުން ވަކިކުރެވިފައި ކަމަށް ޕީޕީއެމްއާ ގުޅިފައިވާ ކޯލިޝަނުން ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ގުޅިފައިވާ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު ނިޙާން ހަސަން މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ގަރާރަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދިޔައީ މަޖިލީހުގެ އުސޫލުތަކާ އަދި ކުރިން ކަންކުރަމުންދާ ގޮތްތަކާ ވެސް މުޅިން ހިލާފަށް، އަބްދުﷲ ޝާހިދު އެ ބަނދެވިފައިވާ ބަނދެވުމެއްގެ ސަބަބުން، އަމަލު ކުރެވެމުންދާ ގޮތް. އަމަލު ކުރަމުންގެންދާ މަންޒަރު،" ނިހާން ވިދާޅުވި އެވެ. "މިއަދު އެމްޑީޕީން ކުއްލި ގޮތަކަށް ހުށަހަޅައިގެން ނުވަތަ އުސޫލެއްގެ ގޮތުން ފެށިގެން މިބާއްވާ ދައުރުން ބޭރުގެ ހާއްސަ ޖަލްސާ އަށް ތައްޔާރުވެގެން އައިސް ވަކިވައްތަރެއްގެ ގަރާރެއް ނިންމި ނިންމުމުގެ ސައްހަކަން ގާނޫނީ އެއްވެސް ހަމައަކުން ނުކުންނަ ކަމުގައި ވަނީ ނަމަ މިއަދުން ފެއްޓިގެން އަބްދުﷲ ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނޫން."

ނިހާން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ގަރާރު ފާސްކުރަމުން ގެންދިޔަ އިރު، މަޖިލީހުގެ ތަޅުމުގައި އަބްދުﷲ ޝާދިހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ވަނީ ނަގާފައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިވަނީ މަޖިލީހުގެ ތަޅުމުގައި އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައި. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން، ހަމަ ރިޔާސަތުން އިއުލާނުކުރަށްވައިގެން މިވަނީ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި،" ވިލިމާފަންނު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދެވީ ވިލިމާފަންނު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާ ކަމަށާއި އަދި އެކަމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތޮލިބު ކަމަށާއި އަދި މައްސަލަ ހުށަހަޅުއްވައި ދެއްވެވީ އެ ވަގުތު މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ހުންނެވި މަޖިލީގުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ކަމަށާއި އަދި ރިޔާސަތުގައި އިންނެވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ކަމަށެވެ.

"ދެހަމައިން އެއް ހަމައެއްގެ ގޮތުގައި ދެކޭ ނަމަ އެމްޑީޕީން ހުށަހެޅި ގަރާރުގައި ވެސް އެއްވެސް ކަހަލަ ހަމައެއް ލަމައެއް ނެތް. އެއްވެސް ކަހަލަ ގުޅުމެއް ނެތް މި ވެގެންއުޅޭ ގޮތަކާއި ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭ އެއްވެސް ސަބަބަކާއި އެ ތަފްސީލުތަކާ އަދި އަބްދުﷲ ޝާހިދު ހަމަ ކުއްލި ގޮތަކަށް ނުކުމެވަޑައިގެން އެވިދާޅުވާ ގޮތަކަށް 'ނަގުލަށް ފިތިގެން' ހުންނަވައިގެން، ކުއްލިއަކަށް އެ އިއުލާނު ކުރެއްވި އިރު އެއަށް ވޯޓު ދެއްވި މެންބަރުންނަށް ވިދާޅުވީ ކޯއްޗެއް ކަމެއް އަދި އެންމެ ފަހުން މަޖިލީހުގެ އެހިސާބަށް އައި ނުކުތާތަކުގެ މައުލޫމާތު އަލީ އާރިފްގެ އަތުގައި އެބަހުރި،" ނިހާން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދިމާވި ވަރަށް ބޮޑު ހިތާމަވެރި ދުވަހެއް ކަމަށާއި އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ވަރަށް ހުދުމުހުތާރު ބޭފުޅެއްކަން މިއަދުގެ ޖަލްސާ އިން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ.

"މިއަދުގެ ޖަލްސާ އިން އަޅުގަނޑުމެންނަށް އިތުރަށް ޔަގީންވެގެން މިދިޔައީ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަބްދުﷲ ޝާހިދަކީ ވަރަށް ހުދުމުހުތާރު ބޭފުޅެއްކަން. ހަމައެއާއެކީގައި ގާނޫނަކަށް ގަވާއިދަކަށް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތް ބޭފުޅެއްކަން. އެބޭފުޅާ ބޭނުންފުޅުވާ ކަމެއް ކުރެއްވުމުގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކަށް ބައްލަވައި ނުލައްވާކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ)ގައި ބުނަނީ "މަޖިލީހުގައި ވޯޓުނަގާނީ އިލެކްޓްރޯނިކް މެޝިން ބޭނުންކޮށްގެން" ކަމަށެވެ. އަދި "ވޯޓުލާނީ ފެންނަކަމަށް ނުވަތަ ނުފެންނަ ކަމަށެވެ. ނުވަތަ ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ" މެންބަރަކު އެ ގޮތަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެއިން އެއްވެސް ކަމެއް ފުރިހަމައެއް ނުކުރެ އެވެ.

ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތަކުގައި ބަހުސުކުރުމާއި އެ މައްސަލަތަކުގެ ވޯޓަށް އެހުމަކީ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެ ހާމަކޮށްދީފައިވާ ކަންތައްތައް ކަމަށެވެ.

"އެކަންތައްތައް އެގޮތަށް ހުއްޓައި އެއާ ކަނޑައެޅިގެން ހިލާފަށް އެމަނިކުފާނު މިއަދު އެ ނިންމެވި ނިންމެވުން ދޭހަކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އަށް ގޮންޖައްސަވައި، ގަވާއިދުތައް މުގުރައި އަދި ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ކަނޑައެޅިގެން ހަލާކުކުރަން ފާޅުގައި މަސައްކަތްޕުޅު ކުރައްވަމުންގެންދަވާ ބޭފުޅެއްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަޖިލީހުގެ ވައިކަރަދޫ ދާޢިރާގެ މެންބަރު އަލީ އާރިފާއި ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މެންބަރު އަދި މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ވަނީ ޝާހިދުގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި މިއަދު މަޖިލީހުގައި ނިންމެވި ނިންމެވުމަކީ ބާރުގެ ބޭނުން ކުރައްވައިގެން މަޖިލީހުގެ ގަވާއިދާ ހިލާފަށް އެމްޑީޕީގެ މެންބަރުންނާ ގުޅިވަޑައިގެން މަޖިލީހުގައި މިއަދު ޝާހިދު ހިންގެވި ޖަރީމާއެއް ކަމަށް ސިފަ ކުރައްވާފަ އެވެ.