23 Sep 2013, 17:22
ޖަމިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން މެދުވެރިކޮށް ގެނެސްދިން "އަންދަލުސް"ގެ ދަރުސަކީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ އެއްގޮތަށް ގެނެސްދީފައިވާ އިވެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
ސްޕޭންގައި 800 އަހަރު ވަންދެން ދެމި އޮތް އިސްލާމީ އުއްމަތް ނެތި ދިޔަ ގޮތް ބަޔާންކޮށް ދިނުމަށް "އަންދުލުސް"ގެ ނަމުގައި ސަލަފުން ގެނެސްދިން ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންތިހާބީ ހައްގަކަށް އަރައިގެންފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމެޓީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އެމްއެންބީސީގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމްއެންބީސީން ބްރޯޑްކާސްޓް ކުރި "އަންދަލުސް"ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބެލުމަށް ފަހު އެ ކޮމިޝަނުން މިއަދު ނިންމާފައި ވަނީ އެ ދަރުސް ގެނެސްދިނުމުގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް އެތިކްސް އާއި ޕަބްލިކް ބްރޯޑްކާސްޓަރު ހިލާފުވެފައިނުވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮމިޝަނުން އެ މައްސަލާގައި ނިންމާފައިވާ ގޮތް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މަޖިލީހުގެ ކޮމިޓީގައި އެމްބީސީގެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވެފައި ވަނީ ޖަމިއްޔަތުލް ސަލަފުގެ ދަރުހަކީ ދީން ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަށް ކުރި ކަމެއް ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް ލައިވް ކުރި ކޮންޓެންޓެއްގައި އެފަދަ ކަމެއްވޭތޯ އެނގޭނީ ކޮންޓެންޓް ކޮމެޓީން ބެލުމުން ކަމަށާއި އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގެއް ނިގުޅައިގަތުމަށް އެ ކޯޕަރޭޝަނުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.
އެ ދަރުސް ލައިވް ކުރުމުގައި އެ ކޯޕަރޭޝަންގެ އެޑިޓޯރިއަލް ޓީމުން ބަލާފައި ވާނީ ދަރުސް އިންތިޒާމް ކުރީ ސިޔާސީ ޕާޓީއަކުންތޯ އާއި ސިޔާސީ ބޭފުޅަކު ތަގުރީރު ކުރައްވާތޯ އާއި ދީނީ ދަރުސް ދެއްވުމުގެ ހުއްދަ އޮތް ބޭފުޅުންތޯ ކަމަށެވެ. ނަމަވެސް އެ ދަރުހަކީ ޖަމިއްޔަތުލް ސަލަފުން ބާއްވާ ދަރުހެއް ކަމާއި ދަރުސް ދެއްވަނީ ސިޔާސީ ބޭފުޅުން ނޫން ކަމަށާއި ދަރުސް ދެއްވާނީ ހުއްދަ އޮތް ބޭފުޅުންނަށް ވާތީ ދަރުސް ލައިވް ކުރުމަށް ފުރުސަތު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.