23 Sep 2013, 17:14
ޖުވެނައިލް ކޯޓުގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގައި ކޯޓުގެ ހުރުމަތް ކަނޑާލި ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށާއި އަދި އަނެއް ކުއްޖާ ހަތަރު މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަން ހިނގާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް ގެންދިޔަ 17 އަހަރުގެ ފިރިހެން ކުއްޖާ މުއްދަތު މަޖިލީހަށް ފަހު ކޯޓުގެ އާންމު ވެއިޓިން އޭރިއާގައި ހުރި 18 އަހަރުގެ އަންހެން ކުއްޖެއް ކައިރިއަށް ގޮސް ދެ މީހުން ރުހުމުގައި ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މިއީ އެފަދަ ކުށެއް އަންހެން ކުއްޖާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކުށެއް އޭނާ ތަކުރާރު ނުކުރާނަމަ އެ ހުކުމް ތިން އަހަރު ފަހުން ވެސް ތަންފީޒު ނުކުރާނެ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.