23 Nov 2010, 12:40
ލޯކަލް ކައުންސިލް އިންތިހާބުގައި ޑިއާރުޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓްރެފިކް ޖޭމްގެ މަޝްހޫރު ލަވަކިޔުން ތެރިޔާ މުހަންމަދު ރަޝީދު (ކަޔާނޯ) އާއި ވިއެންސާ ވިޝާމް ޑީއާރުޕީއާ ގުޅިއްޖެ އެވެ.
އެ ކަން ޔަގީން ކޮށްދެއްވަމުން ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހް ދާދި ދެންމެއަކު ވިދާޅުވީ އެ ދެ ފަންނާނުން ޑީއާރުޕީ އާ ގުޅިވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެ ދެ ފަންނާނުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
"އެ ދެބޭފުޅުން ވެސް ޑީއާރުޕީ އާ ގުޅިވަޑައިގަތުމުގެ މަގުސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ޕާޓިގެ ފަރާތުން ވާދަކުރުން. އެ ބޭފުޅުން ވާދަކުރައްވާނެ. އެގޮތުން ކަޔާނޯ ވާދަކުރައްވާނީ ޓީ 09 (މާފަންނު ހުޅަނގު) ދާއިރާ އަށް. އަދި ވިޝާމް ވާދަކުރައް ވާނީ ޓީ 11 (ވިލި މާފަންނު) ދާއިރާއަށް." އަލީ ސޯލިހް ވިދާޅުވި އެވެ.
ޓުރެފިކް ޖޭމްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަޔާނޯ ސަންއޮންލައިނާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ މީޑިއާއަށް އެއްވެސް މައުލޫމާތެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވިޝާމް ވިދާޅުވީ މިއަދު ޑީއާރުޕީ އާ ގުޅިވަޑައިގަތް ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ޓިކްޓްގައި ވެސް މަޝްހޫރު ފަންނާނުން ވާދަކުރައްވާނެ ކަމަށް އެ ޕާޓީން އާންމު ކުރަމުންދާ ލިސްޓުން އެނގެ އެވެ.