23 Sep 2013, 16:21
ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި އިތުރު ފަސް މީހެއްގެ ހެކިބަސް ސުޕްރީމް ކޯޓުން މިއަދު ނަގައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަ މީހެއްގެ ހެކިބަސް ނަގާފައިވާ އިރު އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްލަ 20 މީހަކު ހެކީންގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ހެކީންގެ ހެކިބަސް ނެގުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ އޭނާގެ ކޮއްކޮ އުޅެނީ މެލޭޝިޔާގައި ކަމަށާއި ނަމަވެސް މެލޭޝިޔާގައި ވޯޓުލަށް އޭނާ ރަޖިސްޓްރީ ނުކުރާ ކަމަށެވެ.
އޭނާ ބުނީ ވޯޓުލީ ދުވަހު ވެސް ކޮއްކޮ ހުރީ މެލޭޝިޔާގައި ކަމަށާއި ނަމަވެސް ރާއްޖޭގައި ހުރި ވޯޓު ފޮއްޓަށް ކޮއްކޮގެ ނަމުގައި މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފަކު އޭނާގާތު ބުނެފައިވާ ކަމަށެވެ.
ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އޭނާގެ އައިޑީކާޑު ނަންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ލިޔުންތަކުގައި ލިޔެފައިވާ ނަންބަރާއި އޭނާގެ އައިޑީކާޑުގައި ލިޔެފައިވާ ނަންބަރާ ދިމާނުވުމުން ވޯޓުލުމަށް އޭނާ އަށް ރަޖިސްޓްރީ ކުރެވިފައިނުވާ ކަމަށެވެ.
އޭނާ ބުނީ އެ މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ރަސްމީ ލިޔުމެއް ހުށަހެޅުމުން ވެސް ވޯޓުލުމުގެ ފުރުސަތު އޭނާ އަށް ދީފައިނުވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މާލޭގެ ވޯޓު ފޮއްޓެއްގައި އިލެކްޝަންސްގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ އައިޑީކާޑް ނަންބަރު ދިމާނުވިޔަސް ނަމާއި އެޑްރެހާއި ފޮޓޯ ދިމާވާ ނަމަ އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
ތިން ވަނަ އަށް ހެކިބަސް ދީފައި ވަނީ ވޯޓުލުމުގެ ކަންތައް ކުރިއަށް ދިޔައިރު ވޯޓު ފޮއްޓެއް ހުރި ސަރަހައްދުގެ އަމަންބަލަހައްޓަން ހުރި ފުލުހެކެވެ. ހެކިބަސް ދެމުން އޭނާ ބުނީ ވޯޓުލައި ނިމިގެން ސެކިއުރިޓީ އުރައަށް ވޯޓު ކަރުދާސްތައް ލުމުގެ ބަދަލުގައި ނޫޑުލްސް ހުސްކުރި ކަހަލަ ފޮއްޓަކަށް ވޯޓު ކަރުދާސްތައްލި މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.
އޭނާ ބުނީ އޭގެ ފަހުން ދެ ކާރެއް އެ ސަރަހައްދަށް ދިޔަކަމަށާއި އެތަނުން އެއްކާރަކަށް ވޯޓު ކަރުދާސް އަޅާފައިވާ ފޮށި އަރުވައިގެން އިލެކްޝަންސް ކޮމިޝަނަށް ގެންދިޔަ މަންޒަރު އޭނާ އަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އަނެއް ކާރަށް އެރުވީ ކޯޗެއް ކަމެއް އަދި އެ ކާރު ދިޔައީ ކޮންތާކަށް ކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ހަތަރު ވަނައަށް ހެކިބަސް ދީފައި ވަނީ މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅެކެވެ.
އޭނާ ވިދާޅުވީ ރަށްވެހިވެފައިވާ ރަށަށް ވެސް އަދި މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވެސް އޭނާ ވޯޓުލާފައި ނުވާނެ ކަމަށެވެ. ނަމަވެސް ދެވަނަ ބުރަށް ވޯޓުލާން ރަޖިސްޓްރީ ކުރަން ހިލޭ ގުޅޭ ނަންބަރު 1414 އަށް ދެ ފަހަރު ގުޅާލުމުން އޭނާގެ ނަމުގައި މަލޭގައި ހުރި ފޮއްޓަކަށް ވޯޓުލާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ހިލޭގުޅޭ ނަންބަރުން އެގޮތަށް މައުލޫމާތު ދިނުމުން އޭނާގެ ނަމުގައި ހުށަހަޅާފައިވާ ވޯޓުލުމަށް ރަޖިސްޓްރީ ކުރި ފޯމް ބަލަލާން ބޭނުންވާތީ އެކަމަށް އެދި ޝަކުވާ ހުށަހެޅި ކަމަށާއި ނަމަވެސް އެކަމުގެ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަސް ވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އޭނާ ވޯޓުލާން ދިޔައިރު އޭނާ ވޯޓުލި ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވާ ކަމަށާއި އެ ވާހަކަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ގާތު ބުނުމުން އެ ގޮތަށް ލިސްޓުގައި ފާހަގަކުރެވުނީ އޮޅުމަކުން ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ބުނީ އޭގެ ފަހުން އޭނާގެ އައިޑީކާޑު ނަމްބަރު ނޯޓް ކުރުމަށް ފަހު އޭނާ އަށް ވޯޓުލުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެގޮތަށް ފުރުސަތު ދިނީ އޭނާގެ އިނގިލީގައި ވޯޓުލިކަމުގެ ނިޝާން ޖަހާފައި އިންތޯ ބެލުމެއް ޗެކްނުކޮށް ކަމަށް ވެސް ހެކިބަސް ދެމުން އޭނާ ބުންޏެވެ.
ހަ ވަނަ އަށް ހެކިބަސް ދީފައި ވަނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ މީހެކެވެ. އޭނާ ބުނީ އޭނާ ދިރިއުޅޭގެ ރަޖިސްޓްރީ ކޮށްފައި ވަނީ ބައްޕަގެ ނަންމަތީގައި ކަމަށާއި ބައްޕައަށާއި އާއިލާގެ އެއްވެސް މީހަކަށް ނޭނގި ދެ މީހަކު އެގޭގައި ރަޖިސްޓްރީވެ ވޯޓުލާފައިވާ ކަމަށެވެ.
އޭނާގެ ދައްތަ ވޯޓުލާފައި ވަނީ މާލެއަށް ކަމަށާއި ނަމަވެސް އައްޑޫ ސިޓީގެ ހިތަދޫގައި އެގޭގެ މީހުން ވޯޓުލާ ފޮށީގެ ލިސްޓުގައި ދައްތަގެ ނަން އޮތް ކަމަށް ވެސް އެމީހާ ވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް ވަނީ ތިން ހެއްކަކު ހުށަހަޅާފަ އެވެ.