23 Sep 2013, 16:15
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭ އެކަށީގެންނުވާ ފަދަ އިބާރާތްތައް ބޭނުންކޮށް މާރާމާރީ ހިންގާފައިވާ މައްސަލަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުތައް ކުށްވެރިކޮށް އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭ އެކަށީގެންނުވާ ފަދަ އިބާރާތް ބޭނުންކޮށް މާރާމާރީ ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ، މަޖިލީހުގެ ކަރާމާތާއި އިތުބާރަށް އުނިކަން އަންނަ ފަދަ އަމަލުތައް މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފެނިފައިވާ ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭ ގައުމީ މަސްލަހަތު ގެއްލޭ ގޮތަށާއި މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ގޮތްގޮތަށް ލާއިންސާނީ ބަސްތައް ބޭނުން ކުރާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. މީހުންނަށް ގެއްލުން ދިނުމަށް ގޮވާލަމުން ދިއުމާއި މީސްމީހުންގެ މުދަލާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ގެއްލުންދެމުންގެންދާ މައްސަލަ ވެސް އެޗްއާރުސީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ.
ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ މުހިއްމު ހައްގުތަކަކަށްވާ އިރު، އެ ހައްގުތައް ބޭނުންކުރުމުތުގައި ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭ އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހަމަނުޖެހުމާއި ނަފްރަތު އުފެދޭ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އެކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.