23 Sep 2013, 13:42
މަޖިލީހުގެ ރިޔާސަތު އެމްޑީޕީއާ އިދިކޮޅު މެންބަރުން "ހިފުމުން"، އިދާރީ މޭޒު ކުރިމަތީގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮޅަށް ހުންނަވައި، އެމްޑީޕީން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ވޯޓަށް އައްސަވައި، ފާސް ކުރައްވައިފި ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ހުށަހަޅުއްވައި، މާރިޔާ އަހުމަދު ތާއިދު ކުރެއްވި ގަރާރު ފާސްކުރީ، މެންބަރުން އަތްޕުޅު ހިއްލަވައިގެންނެވެ. މަޖިލީހުގެ މައިކް ސިސްޓަމާއި ވޯޓިން ސިސްޓަމް ވެސް ވަނީ ހަލާކުވެފަ އެވެ.
ޕީޕީއެމްގެ މެންބަރުން ވިދާޅުވީ ރިޔާސަތުން ނެގި ވޯޓަކީ ބާތިލު ވޯޓެއް ކަމަށާއި މަޖިލީހުގެ ގަވާއިދު އެ ގޮތަށް ވޯޓަށް ނޭއްސެވޭނެ ކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވީ ގަވާއިދު ބުނާ ގޮތުން ވޯޓެއް ނެގޭނީ އިލެކްޓްރޯނިކްކޮށް ކަމަށެވެ.
ގަވާއިދާ ހަވާލާ ދެއްވައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މަޖިލީހުން ކަމެއް ފާސްކުރެވޭނީ މަޖިލީހަށް ހުށަހަޅައި ބަހުސު ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީ އަށް ނިސްބަތްވާ، ކެޔޮދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ނިންމެވުން ނިންމެވީ އެ ހުރިހާ ކަމެއް ބައިޕާސް ކުރުމަށް ފަހު ކަމަށެވެ.
އެމްޑީޕީން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުން ރައްޔިތުން ނިންމާފައިވާ ނިންމުމަށް އެއްވެސް ފަރާތަކުން ބަދަލު ނުގެނެވޭނެ ކަމަށާއި އެއްވެސް ހުރަހެއް ނެތި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވައި ނިންމުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުން ފާސްކުރާ ކޮންމެ ނިންމުމަކަށް ދޭ ވޯޓަކީ ދެފުށް ފެންނަ ގޮތަށް ނަގަން ޖެހޭ ވޯޓަކަށް ވާން ޖެހެ އެވެ. ނަމަވެސް އެމްޑީޕީގެ ގަރާރަށް ވޯޓު ދެއްވީ ކޮން މެންބަރުންނެއް ކަމެއް ނޭނގެ އެވެ.