23 Sep 2013, 13:26
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފުވި 79 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިހާތަނަށް އެގަވައިދާ ހިލާފުވި 79 ތަނެއް އެޗްޕީއޭ އިން 112 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެތަންތަން ޖޫރިމަނާކޮށްފައި ވަނީ އެކި އަދަދުތަކުން ކަމަށް ހަސަން ވިދާޅުވި އެވެ.
ފުރަތަމަ ފަހަރު ލިޔުން ނުބަހައްޓާ ފަރާތްތައް 500ރ. ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ 5000ރ. އަށް ޖޫރިމަނާ ކުރެ އެވެ.
ހަސަން ވިދާޅުވީ ގިނައިން ޖޫރިމަނާ ކޮށްފައި ވަނީ ހުއްދަނުނަގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ފުރުސަތު ދީފައިވާ ތަންތަނާއި ހުއްދަ ދިން ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ފުރުސަތު ދީފައިވާ ތަންތަނުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުންތައް ނުބަހައްޓާ ތަންތަން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގަވައިދު ތަންފީޒް ކުރުމަށް އަދިވެސް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކުން އެކަން ނުކުރެވުމާއި ތަންފީޒީ އިދާރާތަކުގައި ވަސީލަތްތައް ނެތުމުން ބޮޑު ދައްޗަކަށް ވެފައިވާ ކަމަށެވެ. އަދި އެގާނޫނު ތަންފީޒު ކުރުމަށް ޓަކައި ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
މި އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ އެ މީހެއް 500ރ. އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.