އައްޑޫ ސިޓީގެ މައި ކުނި ކޮށީގައި ރޯވެ އަރަމުންދާ ދުމުން ލިންކް ރޯޑުން ދަތުރު ކުރަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ހިތަދޫ ރުއްޖެހެރަ ސަރަހައްދުގައި ހުންނަ އައްޑޫގެ މައި ކުނިކޮށީގައި ރޯކޮށްލި ކަމެއް ނުވަތަ ރޯވި ކަމެއް ސާފެއް ނުވެ އެވެ.

މީގެ ދެދުވަހެއް ކުރިން ކުނިކޮށީގައި ރޯވި އަލިފާން ކޮންޓްރޯލުކޮށްފައި އޮތް ނަމަވެސް ކުނިކޮށިން އަރަމުންދާ ދުމުން ލިންކްރޯޑުގައި ދުއްވާ އެއްޗިއްސަށް އުނދަގުލާ ކުރިމަތިވެފައިވާ އިރު، އައްޑު ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ކުނި ކޮށްޓައް ޖަމާކުރާ ކުނި ނައްތާލެވޭނެ ގޮތެއް އަދިވެސް ނެތް ކަމަށެވެ.

އަދި ޖަމާ ކުރާ ކުނި އެތަނުގައި އެތައް ދުވަހެއް ވަންދެން ހުންނަ ކަމަށް ސޯބެ ވިދާޅުވި އެވެ. ސޯބެ ވިދާޅުވީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކުނި ކޮށީގައި ރޯވާ ކަމަށާއި އެންމެ ފަހުން ރޯވި ފަހަރު ވެސް ކުނިކޮށިން އަރާ ދުން ކޮންޓްރޯލު ކުރަން ތިން މަސް ދުވަސް ނެގި ކަމަށެވެ.

ސޯބެ ވިދާޅުވި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ނެތި އެކަންކަން ހައްލެއް ނުކުރެވޭނެ އެވެ.

އަދި ކުނި އަންދައިގެން ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިދަނީ. އެކަން ވާނެ ކަމުގެ އިޝާރާތެއް ވެފައި ވަނީ." ސޯބެ ވިދާޅުވި އެވެ.