23 Sep 2013, 12:31
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމައިފާނެހެން ހީނުވާ ކަމަށާއި ކަންބޮޑު ވަނީ އެކަމާ ނޫން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ ވެގެން އުޅޭ ގޮތަކީ ދައުލަތް ހިންގަން ތިބި މީހުންނާ މެދު އިތުބާރު ނެތުން ކަމަށެވެ.
"ސުޕްރީމްކޯޓްގައި މިހާރު ހިނގަމުންދާ މައްސަލައިގައި، ފުރަތަމަ ބުރުގެ ވޯޓް ބާތިލުކޮށްފާނެ ކަމަށް ގަބޫލުކުރައްވަނީތޯ؟" ސަން އިން ދެންނެވުމުން މޫސަ ވިދާޅުވީ "އެހެން ހީ ނުވާ" ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ އިނގޭތޯ، ސުޕްރީމް ކޯޓަށް ބަޔަކު މީހުން ހުށައަޅައިގެން އުޅެދާނެ މަދަނީ މައްސަލައެއް ނޫނީ ވިޔަފާރީގެ މައްސަލައެއް ނުވަތަ އެނޫން ވެސް މުއާމަލާތަކާ ގުޅިގެން މުޅި ދައުލަތަށް ލޮޅުން އަރާފާނެ ކަމެއްގައި އަޅުގަނޑު ގަބޫލުކޮށްގެން މިހުންނަނީ އެކަށީގެންވާ ވަރުގެ ކާފީ ހެކިތަކެއް ބަޔާން ކުރެވިފައި ނެތް ކަމެއްގައި އަޅުގަނޑެއް ނުބުނާނަން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މި އިންތިހާބު ލަސްކުރަން ހުށައަޅާފާނެއެކޭ،" މޫސަ ވިދާޅުވި އެވެ.
އިންތިހާބު ލަސްކުރަން ސުޕްރީމްކޯޓުން ނިންމަފާނެ ކަމަށް ގަބޫލު ނުކުރައްވާ އިރު ކަންބޮޑުވަނީ ކޮންކަމަކާތޯ ދެންނެވުމުން މޫސަ ވިދާޅުވީ ވެގެން އުޅޭ ގޮތަކީ ދައުލަތް ހިންގުމާ ހަވާލުވެ ތިބި މީހުންނަށް އިތުބާރު ނުކުރެވުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެގެން މިއުޅޭ ގޮތަކީ މިދައުލަތް ހިންގުމާ ހަވާލުވެ ތިބި މީހުންނާ ދޭތެރޭގައި ވަރަށް އިތުބާރު ކުޑަކޮށް މިއުޅެނީ. ހާއްސަކޮށް ސަރުކާރު ހިންގުމާ ހަވާލުވެ ތިބި މީހުން. އިތުބާރެއް ނުކުރަން އަޅުގަނޑުމެން އެމީހުންނަކަށް،" މޫސަ ވިދާޅުވި އެވެ.
"ބޭނުމެއް ނެތޭ ކިޔާފައި ހުރިހާ ފަނޑިޔާރު ހައްޔަރު ނުކުރާނެ ކަން އިނގެނީ ކިހިނެތްތޯ"އޭ ވިދާޅުވެ މޫސަ ސުވާލު ވެސް އުފެއްދެވި އެވެ.
"ހަތެއް ފެބްރުއަރީގައި މިއަދުލަތަށް އެމީހުން ކޮށްގެން ތިބި ކަންތައް އެބަފެނޭ، ސުޕްރީމް ކޯޓުން ގޮތަކަށް ނިންމި ކަމުގައި ވިޔަސް، މިސާލަކަށް މިވަގުތު ސަރުކާރުގެ ބޮޑު ބައެއް ހިފަހައްޓައިގެން ތިބި އެއް ބައެއް އެއީ ޕީޕީއެމް." މޫސަ ވިދާޅުވި އެވެ.
ދައުލަތް ހަމައިން ނައްޓުވާލުމަށް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ބުނެ އެމްޑީޕީން ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށައަޅާފަ އެވެ. އެގަރާރު ހުށައެޅުމަށް އިއްޔެ ބާއްވަން އުޅުނު ޖަލްސާ ހަމަނުޖެހުމާ އެކު ހުއްޓުމުން ރޭ އަލުން ބާއްވަން މަސައްކަތް ކުރި އެވެ. އެކަމުގައި ރޭ ބޮޑެތި ހަމަނުޖެހުން ތަކެއް ހިނގައި ބައެއް މެމްބަރުންނަށް އަނިޔާ ވެސްވި އެވެ.