23 Nov 2010, 12:17
"ނޮކިއާ ބައްތި" ފޯނު ނުދީގެން ވަޅިން ހަމަލާދީ އިއްޔެ މަރާލި ބަންގްލަދޭޝްގެ އަޒީޒުލް މުއްލާގެ ތަހުގީގު ހިނގާ ގޮތް ސާފު ނުވެގެން ބަންގްލަދޭޝްގެ މީހުންތަކެއް ނުރުހުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އައި އަޒީޒުލް މުއްލާ،30، އާ އެކު މަސައްކަތްކުރި އޭނާގެ ރައްޓެހި ބަންގްލަދޭޝް މީހުނާއި އަދި ވެސް 150 އަށް ވުރެ ގިނަ “ބަންގާޅީން”ނުރުހުން ފާޅު ކުރުމަށް މިއަދު ޖަމާވީ މުއްލާ މައްސައްކަތްކުރި ބީއޭޓީސީއެޗް ކުންފުނިން މަޖީދީމަގުގައި 10 ބުރިއަށް ހަދަމުން އަންނަ ހ. ވާލީވިލާ ކައިރިއަށެވެ.
ބަންގާޅީންތައް ވާލީވިލާ ކައިރިއަށް ދިޔައީ މެންދުރު 12:00 ޖަހާއެހާކަންހާއިރު އެވެ. ވާލީވިލާ ހަދަން ހަވާލު ވެގެން އުޅެނީ މުއްލާ މާލޭގައި މަސައްކަތްކުރި ބީއޭޓީސީއެޗް ކޮންސްޓްރަކްޝަނުންނެވެ.
ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުން އެ ތަނަށް ޖަމާވުމުން އިމާރާތުގައި މަސައްކަތް ކުރަން އުޅުނު މީހުން ވަނީ އެ މީހުން އެ އިމާރާތުގެ ތެރެއަށް ވައްދައިފަ އެވެ.
"ބަންގާޅީންތައް އައިސް ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އުޅެން ފެށުމުން އިމާރާތް ހަދަން އުޅޭ މީހުން އެމީހުންތައް އެތެރެއަށް ވެއްދީ،" އެ ސަރައްދުގައި ހުރި މީހަކު މިއަދު ބުންޏެވެ.
ސަން އޮންލައިންގެ ނޫސްވެރިން އެ ސަރައްދަށް ދިޔައިރު އެތަނުގައި ފުލުހުން ވެސް ހަރަކާތްތެރި ވަމުން ދިޔަ އެވެ. ނަމަވެސް އިމާރާތުގެ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން ފުލުހުން އެ އިމާރާތުގެ ތެރޭގައި ކުރީ ކޮން ކަމެއް ކަމެއް ނޭނގުނެވެ. އިމާރާތު ތެރޭގައި ފުލުހުން ދޮޅު ގަޑިއެއްހާއިރު ވަންދެން އުޅުނެވެ. ފުލުހުން ބޭރަށް ނުކުތުމުން ބަންގާޅު މީހުންތައް ވެސް ދިޔައީ އެވެ. އެއްވި ބަންގާޅީން އެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެ އެވެ.
ބީއޭޓީސީއެޗްގެ ވެރިޔަކު މިއަދު ބުނީ ބަންގާޅު މީހުންތައް އެއްވީ އެ ކުންފުނީގައި މަސައްކަތް ކުރަނިކޮށް އިއްޔެ ވަޅި ހަރައި މަރާލި މުއްލާގެ މަރުގެ ތަހުގީގު ކުރިޔަށްދޭތޯ އާއި އެކަން ކުންފުނިން ބަލަމުންދޭތޯ ސާފު ކުރުމަށް ކަމަށެވެ.
"ފުލުހުން އައިސް އެމީހުންނަށް ކިޔާދީފި އެ ތަހުގީގުގެ ކަންތައްތައް ވަމުންދާގޮތް. އިތުރަށް ފުލުހުން ބުނީ އަޅުގަނޑުމެންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާނެއޭ،"
އެ ސަރަހައްދަށް އެއްވި ބަންގާޅީން ބުނީ ވަޅިން ހަމަލާދީ މަރައިލި މުއްލާއަކީ އެމީހުންގެ ވަރަށް ބޮޑު ރައްޓެއްސެއް ކަމަށާއި އެމީހުން އެ ސަރަހައްދަށް ދިޔައީ މަރުގެ ތަހުގީގު ހިނގާ ނުހިނގާ ގޮތް ނޭނގޭތީ ހިތްހަމަނުޖެހިގެން ކުންފުނި މެދުވެރިކޮށް އެކަން އޮޅުން ފިލުވުމަށް ކަމަށެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މުއްލާގެ މަރުގެ ތަހުގީގު ކުރުމަށް ތަފާތު އޮޕަރޭޝަންތައް ހިންގާތީ އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މުއްލާ މަރުވީ އައިޖީއެމްއެޗްގައި އިއްޔެ ފަރުވާދެމުން ދަނިކޮށެވެ. ވަޅިން ހަމަލާދީފައި ވަނީ މުއްލާގެ މެއަށެވެ.